މި ސަރުކާރުން އެއްވެސް މީޑިއާއެއް ބްލެކް ލިސްޓު ނުކުރާނެކަމުގައި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން، އިބްރާހީމް ޚަލީލް ވިދާޅުވެއްޖެއެވެ.
ޚަލީލް މިހެން ވިދާޅުވީ ރާއްޖޭގެ މީޑިއާތަކުގެ އިސްފަރާތްތަކާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ޚާއްޞަ މަޝްވަރާ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ކަމުގައިވާ ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށް ކަނޑައެޅުމަށް ވެވެޑައިގެންނެވި ވަޢުދުގެ ކަންކަން ތަންފީޒުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް މީޑިއާތަކުގެ އިސްވެރިންގެ މަޝްވަރާ ހޯއްދެވުން ހިމެނެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން، އިބްރާހީމް ޚަލީލް، ވިދާޅުވިގޮތުގައި ސަރުކާރުން ޚަބަރާ މަޢުލޫމާތު ފޯރުކޮށް ދެއްވުމުގައި މީޑިއާތަކުގެ މެދުގައި ތަފާތެއް ނުކުރައްވާނެއެވެ.
"މީޑިއާތަކުގެ 'ބްލެކް ލިސްޓެއް' މި ސަރުކާރަކުން ނުގެންގުޅުއްވާނެ" ޚަލީލް ވިދާޅުވިއެވެ.
މީޑިއާތަކުގެ ކުރިއެރުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގައި ހިމެނޭ މީޑިއާ ވިލެޖް ޤާއިމުކުރުމާއި، މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުން ފަދަ ހުރިހާކަމެއްވެސް ސަރުކާރުން ޚާއްޞަ ސަމާލުކަމަކާއެކު ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަންވެސް މި ބައްދަލުވުމުގައި ވަނީ ދެއްވައިފައެވެ. އަދި މީޑިއާތަކަށް މަޢުލޫމާތު ހާމަކުރުމާ މީޑިއާތަކަށް ސަރުކާރުން ކޮށްދެއްވަން ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދިނުމުގައި ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުން މަސައްކަތްކުރަމުންދާގޮތް ވަރަށް ގާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިޔުނިކޭޝަން ޑިޕާޓްމަންޓުން ބައްލަވަމުން ގެންދަވާނެކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ޚިދުމަތްދޭ ގިނަ މީޑިއާތަކެއްގެ އިސްފަރާތްތަކުން ބައިވެރިވި މި ބައްދަލުވުމުގައި، މީޑިއާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު، މީޑިއާތަކުގެ އިސްފަރާތްތަކުން ހިއްސާކުރައްވައި، އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާ ބެހޭގޮތުންވެސް ބައެއް މަޝްވަރާތައް ކުރެއްވިއެވެ.
ރައީސް އޮފީހުން ބުނެފައިވާގޮތުގައި މީޑިއާތަކާ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ބައްދަލުވުންތައް ސިލްސިލާކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް