ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ޙަސަން މުޣުނީ މިއަދު ޢައްޔަނުކުރައްވައިފިއެވެ.
ޙަސަން މުޣުނީ ވަނީ އެމެރިކާގެ ބްރޭންޑައިސް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ. ޙަސަން މުޣުނީ އެންމެ ފަހުން ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމުގައެވެ. އޭގެ ކުރިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި އަދި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސްމަޤާމުތައް ފުރުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެގެ ވަގުތެއްގައި އެ ބޯޑުގެ ރައީސްކަމަށް ބޭފުޅަކު އަދި މެމްބަރުކަމަށް އިތުރު ތިން ބޭފުޅަކު އައްޔަންކުރައްވާފައެވެ.
ދައުލަތުގެ ކުންފުނިތަކުގެ ބޯޑުތައް އެކުލަވާލާ ބޯޑުތަކަށް މެންބަރުން އައްޔަނުކުރާނެ ތަނަކީ ޕީސީބީ ކަމުގައިވާއިރު އާ ސަރުކާރުން ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުން ލަސްވެގެން ގޮސްފައިވަނީ ޕީސީބީއަށް މެންބަރުން ހަމަނުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް