ވޯލްޑް ކަޕް 2022: ފުރަތަމަ މެޗުން ސްޕެއިންއަށް ތަފާތު ބޮޑު މޮޅެއް

ގަތަރުގައި މިހާރު ފެށިގެން ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީގައި ކޮސްޓަރިކާއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު ސްޕެއިނުން ކާމިޔާބު ކޮށްފިއެވެ. ގަތަރުގެ އަލް ތުމާމާ ސްޓޭ...

23 Nov 2022 | 18:32

ގަތަރުގައި މިހާރު ފެށިގެން ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީގައި ކޮސްޓަރިކާއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު ސްޕެއިނުން ކާމިޔާބު ކޮށްފިއެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމުގައި މިރޭ ކޮސްޓަރިކާއާއި ދެކޮޅަށް ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބު ކުރީ 0-7 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މިއީ ވޯލްޑް ކަޕް 2022 ގައި މިހާތަނަށް ފެނުނު އެންމެ ތަފާތު ބޮޑު މޮޅެވެ.

މެޗުގެ ކުޅުން ފެށިގެން ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ސްޕެއިން ޓީމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ސްޕެއިން ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. ސްޕެއިން ޓީމުން ލީޑުނެގި ލަނޑު ކާމިޔާބު ކޮށްދިނީ ޑެނި އޮލްމޯއެވެ. އޭގެ 10 މިނެޓު ފަހުން ސްޕެއިނުން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. އެ ޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނީ ޖޯޑީ އަލްބާގެ އެހީތެރިކަމާއި އެކު މާކޯ އެސެންސިއޯ އެވެ. ސްޕެއިނުން އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ފެރާން ޓޯރޭސް އެވެ.

ތިން ލަނޑުގެ ލީޑަކާއި އެކު ސްޕެއިނުން މެޗުގެ ފުރަރަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފު ފަށައިގެން ވެސް ރަނގަޅަށް ކުޅެމުން ގެންދިޔައީ ސްޕެއިން ޓީމުންނެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން މެޗުގެ 54 ވަނަ މިނެޓުގައި ސްޕެއިނުން އެ ޓީމުގެ ހަތަރުވަނަ ލަނޑުޖެހިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފެރާން ޓޮރޭސްއެވެ. ސްޕެއިންގެ ފަސްވަނަ ލަނޑު  މެޗުގެ 75 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްދިނީ ގަވީއެވެ. އަދި އެ ޓީމުގެ ހަ ވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ފަހު ހާފުގައި ޕެޑްރީގެ ބަދަލުގައި ކުޅެން އެރި ކާލޮސް ސޮލާ ކާމިޔާބު ކޮށްދިން އިރު ސްޕެއިންގެ ހަތްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.

މި މެޗުގައި މޮޅަށް ކުޅެ ބޮޑު ތަފާތަކުން ސްޕެއިން މޮޅުވިއިރު  މުޅި މެޗުގައި ވެސް ކޮސްޓަރީކާގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އަދި އެ ޓީމަށް މުޅި މެޗުގައި ވެސް ސްޕެއިން ކޮޅަށް ހަމަލާއެއް ވެސް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ ތަފާސް ހިސާބުތައް:

ސްޕެއިން ކޮސްޓަރިކާ
7 ލަނޑު 0
71% ބޯލް ޕޮޒިޝަން 18%
7 ޝޮޓް އޮން ޓާގެޓް 0
8 ޝޮޓް އޮފް ޓާގެޓް 0
1043 (93%) ޕާސްތައް (ކާމިޔާބު މިންވަރު) 231 (71%)
0 ރީނދޫ ކާޑު 2
0 ރަތް ކާޑު 0

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް