ފީފާ ވޯލްޑް ކަޕް 2022: ޖަޕާނުން ފަހަތުން އަރާ ޖަރުމަނު ބަލިކޮށްފި

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީ ގައި މިރޭ ކުޅުނު މެޗުން، ޖަރުމަނު ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ޖަޕާނުން 2 ލަނޑު ޖަހައިގެން މޮޅުވެއްޖެއެވެ. މިރޭގެ މެޗު ފެށިގެން ކުރީކޮޅު ޖަޕާނުން ރަނގަޅު ކ...

23 Nov 2022 | 15:01

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީ ގައި މިރޭ ކުޅުނު މެޗުން، ޖަރުމަނު ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ޖަޕާނުން 2 ލަނޑު ޖަހައިގެން މޮޅުވެއްޖެއެވެ.

މިރޭގެ މެޗު ފެށިގެން ކުރީކޮޅު ޖަޕާނުން ރަނގަޅު ކުޅުމެއް ދެއްކިއިރު، ގުންޑޮގާން އަތުން މެދުތެރެއިން ގެއްލުނު ބޯޅައިން އަވަސް ކައުންޓަރ އެޓޭކެއްގައި ލަނޑެއް ޖެހި ވެސްމެއެވެ. އެހެނަސް އެ ލަނޑު ޖެހިއިރު، މައެޑާ ހުރީ އޮފްސައިޑްގައި ކަމަށްވުމުން ލަނޑު ކެންސަލް ވީއެވެ.

ޖަޕާނުގެ އޮފްސައިޑް ލަނޑަށްފަހު ޖަރުމަނު މުޅި ހާފުގައި އެއްކޮށް ކަހަލަ ގޮތަކަށް ބޯޅަ ކޮންޓްރޯލް ކޮށްގެން އެޓޭކް ކުރަން ފެށިއެވެ. ނަތީޖާއަކަށްވީ ކިމިޗަށް ޖަޕާންގެ ގޯލްކީޕަރު ކުރި ފައުލްއަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ގުންޑޮގާން ލަނޑު ޖަހާ ޖަރުމަނަށް ލީޑު ނަގައިދިނުމެވެ.

މެޗުގެ އިތުރު ވަގުތުގައި ނަބްރީ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ކައި ހަވާޓްޒް ޖަރުމަނަށް 2 ވަނަ ލަނޑެއް ޖެހި ނަމަވެސް އެ ލަނޑު އޮފްސައިޑް ވީއެވެ.

ޖަރުމަނުގެ އޮފް ސައިޑް ލަނޑަށްފަހު ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓުގައި ޖަޕާނުން އުފެއްދި އަވަސް އެޓޭކެއްގައި ނަގަޓޮމޯ ހުރަސްކޮށްލި ބޯޅަ މައެޑާ ބޮލުން ޖެހި ނަމަވެސް ގޯލާ އަމާޒުވާގޮތެއް ނުވިއެވެ.

ދެ ވަނަ ހާފު ފެށިގެން ޖަޕާނުން ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކުރިތަން ފެނުނެވެ. އެހެނަސް، މި ހާފުގައި ވެސް އެންމެ ފުރަތަމަ އެންމެ ނުރައްކާތެރި ހަމަލާތަކެއް އުފެއްދީ ޖަރުމަނެވެ. މެޗުގެ 70 ވަނަ މިނިޓުގައި ފުލުފުލުގައި ޖަރުމަނުން ފޮނުވާލި ހަމަލާތައް ގޯލަށް ވަނުމުގެ ހުރަހަކަށްވީ ޖަޕާންގެ ގޯލްކީޕަރުގެ މޮޅު ސޭވްތަކެވެ.

ޖަޕާނުން ކުޅުން ރަނގަޅުކޮށް ކުރި މަސައްކަތުގެ ނަތީޖާ ފެނުނީ މެޗުގެ 75 ވަނަ މިނިޓުގައެވެ. މިނަމީނޯ ފޮނުވާލި ހަމަލާ ޖަރުމަނުގެ ގޯލްކީޕަރ ނޯޔާ ސަލާމަތްކުރުމުން ދެން އެ ބޯޅަ ލިބުނު ޑޯން ވަނީ އެއްބުރުން ގޯލަ ބޯޅަށް ފޮނުވާލާފައެވެ.

ޖަޕާނުން ކުރި ހިތްވަރުން ޔޫރަޕްގެ ގަދަބާރުގެ މައްޗަށް އެ ޓީމަށް ކުރިލިބުނީ މެޗުގެ 83 ވަނަ މިނިޓުގައެވެ. އިޓަކޫރާ ކުރިޔަށްލި ބޯޅައެއް ހިފައިގެން އަރާ އަސާނޯ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ކީޕަރު ހުރި އޭންގަލްއިންނެވެ.

ޖަޕާނުން މި ހޯދި މޮޅަކީ މި މުބާރާތުގައި ފެނުނު މިފަދަ ހައިރާން ކުރަނިވި 2 ވަނަ ނަތީޖާއެވެ. އިއްޔެ ސައޫދީ އަރަބިއާއިން ވަނީ އާޖެންޓީނާ ހަމަ މި ނަތީޖާއިން ބަލިކޮށްފައެވެ.

މެޗުގެ ތަފާސް ހިސާބުތައް:

ޖަރުމަނު ޖަޕާން
1 ލަނޑު 2
65% ބޯލް ޕޮޒިޝަން 24%
8 ޝޮޓް އޮން ޓާގެޓް 3
10 ޝޮޓް އޮފް ޓާގެޓް 4
772 (89%) ޕާސްތައް (ކާމިޔާބު މިންވަރު) 270 (70%)
0 ރީނދޫ ކާޑު 0
0 ރަތް ކާޑު 0

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް