ފީފާ ވޯލްޑް ކަޕް 2022: މޮރޮކޯއިން ކްރޮއޭޝިއާ ހިފަހައްޓައިފި

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފް ގައި މިއަދު ކްރޮއޭޝިއާ އާއި މޮރޮކޯ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ. އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި ފައިނަލްގައި ވެސް ކުޅުނު ކްރޮއޭޝިއާއަ...

23 Nov 2022 | 11:57

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފް ގައި މިއަދު ކްރޮއޭޝިއާ އާއި މޮރޮކޯ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ. އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި ފައިނަލްގައި ވެސް ކުޅުނު ކްރޮއޭޝިއާއަށް މި މެޗުން މޮޅެއް ނުހޯދުނުއިރު، ބެލްޖިއަމް ވެސް އޮތް މި ގްރޫޕްގައި ދެން ކްރޮއޭޝިއާ ކުރިޔަށްދާން ކުރަންޖެހޭ މަސައްކަތް އިތުރުވާނެއެވެ.

ފުރަތަމަ ހާފުގައި މޮރޮކޯއަށްވުރެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކްރޮއޭޝިއާ ކުޅުނު ނަމަވެސް، ނުރައްކާތެރި ހަމަލާތަކެއް އުފެއްދޭވަރުވީ ފުރަތަމަ ހާފުގެ ފަހުކޮޅުގައެވެ. މޮޑްރިޗް ފޮނުވާލި ހަމަލާ ބޭރަށް ދިޔައިރު، ވްލަސިޗް ފޮނުވާލި ނުރައްކާތެރި ބޯޅަ ގޯލްކީޕަރު ސަލާމަތްކުރީއެވެ. މޮރޮކޯއިން ފުރަތަމަ ހާފުގައި ކުރިޔަށް ދިޔަ ބޯޅަތަކުގައި ނުރައްކާތެރިކޮށް ފެނުނަސް ރަނގަޅު ހަމަލާއެއް ގޯލަށް އަމާޒުކޮށް ނުލެވުނެވެ. މި މެޗުގައި މޮރޮކޯގެ ގޯލްކީޕަރުގެ މޮޅު ކުޅުން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.

ދެ ވަނަ ހާފު ފެށިގެން މޮރޮކޯއިން ވަރަށް ހައި ޕްރެސިން ގޭމެއް ކުޅެމުން ދިއުމުގެ ނަތީޖާއަކަށްވީ ކްރޮއޭޝިއާގެ ކުޅުން ދަށްވުމެވެ. މޮރޮކޯއަށާއި ކްރޮއޭޝިއާއަށް ވެސް ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ. މޮރޮކޯ އިން އުފެއްދި ހަމަލާތަކަށް ބަލާއިރު، ހަކީމީ ދުރުން ފޮނުވާލި ބާރު ބޯޅަ ފާހަގަކުރެވެއެވެ. އެ ބޯލަ ކީޕަރު ދިފާއުކޮށް ބޭރުކޮށްލީއެވެ.

މެޗުގެ ފަހުކޮޅު އަނެއްކާ ވެސް ކްރޮއޭޝިއާއިން ވަރަށް ބޮޑަށް މެޗު ކޮންޓްރޯލްކޮށް، ކުރިޔަށް ޖެހި ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރިއެވެ. އެހެނަސް، މޮރޮކޯގެ ޑިފެންސް ފެނުނީ ވަރަށް ވަރުގަދަކޮށެވެ.

މި ގްރޫޕްގައި މިރޭ ބެލްޖިއަމް އާއި ކެނެޑާ ބައްދަލުކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން ދަންވަރު 12:00 ގައެވެ.

މެޗުގެ ތަފާސް ހިސާބުތައް:

މޮރޮކޯ ކްރޮއޭޝިއާ
0 ލަނޑު 0
30% ބޯލް ޕޮޒިޝަން 53%
2 ޝޮޓް އޮން ޓާގެޓް 2
0 ޝޮޓް އޮފް ޓާގެޓް 2
348 (78%) ޕާސްތައް (ކާމިޔާބު މިންވަރު) 642 (85%)
1 ރީނދޫ ކާޑު 0
0 ރަތް ކާޑު 0

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް