ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ހެނދުނު ދަންފަޅީގެ ފަހުން ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ފެނިވަޑައިގަތުމަކީ ހުދު ކާޅެއް ފެނުން ފަދަ ކަމެއް ކަމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މަޖިލީހުގައި މެމްބަރުންގެ ހާޒިރީ ދައްކަމަށް ބުނެ މިއަދު ޖަލްސާގައި ނަޝީދު ކޯފާ އިސްކުރައްވައި ވާހަކަފުޅު ދެއްކެވުމުން އެކަމަށް ރައްދުދެއްވައެވެ.
އިސްމާއިލް ވިދާޅުވީ މެމްބަރުން މަޖިލީހަށް ހާޒިރުނުވާ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި ރިޔާސަތުގައި ތިއްބަވާ ބޭފުޅުންވެސް ކަންތައް ކުރައްވަނީ އެގޮތަށް ކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްވެސް ހެނދުނު ސައި ގަޑީގެ ފަހުން ރިޔާސަތު ބަލަހައްޓަން ނުތިއްބަވާ ކަމަށެވެ.
އެފަދަ ދުވަހަކީ ހުދު ކާޅެއް ފެނުން ކަހަލަ ކަމެއް ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރިޔާސަތުގެ ނެތް ނަމަވެސް ބަރާބަރަށް ކޮންމެ މަހަކު80،000 ރުފިޔާގެ މުސާރަ ނަގާ ކަމަށާއި އެކަމަށް ލަދުވެތިވާން ޖެހޭ ކަމަށެވެ.
އިސްމާއިލް މި ވާހަކަ ދެއްކެވީ ބަޖެޓަށް ބަހުސް ކުރެއްވުމުގެ ތެރެއިންނެވެ.
މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ އަސާސި މަގުސަދަކީ މެމްބަރުން މަޖިލީހަށް ވަޑައިގަނެ، ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވައިގެން، އެ މެންބަރަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވާހަކަފުޅު ދައްކަވާ ހިޔާލުފާޅުކޮށް ހެއްދެވުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް