ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގައި ތައާރަފު ކުރި "އެއާ ސުވިދާ" ފޯމް ފުރަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓްރީން ހަމަޖައްސާފައި އޮތީ މި ފޯމް އެ ގައުމަށް ވައިގެ މަގުން އެތެރެވޭ މީހުން އޮންލައިންކޮށް ފުރާގޮތަށެވެ. އެއީ އިންޑިއާއަށް ދާ މީހުންގެ ކޯވިޑްގެ ހާލަތާއި ސިއްހީ ހާލަތު ދެނެގަތުމަށެވެ.
އެ މިނިސްޓްރީން ބުނީ އެ ފޯމުގެ މައްސަލަ ރިވިއު ކުރުމަށް ފަހު އިއްޔެއިން ފެށިގެން އިންޑިއާއަށް އެތެރެވާ މީހުން އެއާ ސުވިދާ ފޯމު ފުރަން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެކަމަކު އަދިވެސް ކޯވިޑާއި ގުޅިގެން އެއާލައިންތަކުން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ލިސްޓެއް އާންމުކޮށްފައިވެ އެވެ.
އެގޮތުން ފްލައިޓުތަކުގައި ދަތުރު ކުރާ ފަރާތްތަކުގެ ފަރާތުން ކޯވިޑްގެ އަލާމާތެއް ފެނިއްޖެ ނަމަ އިންޑިއާއަށް އެތެރެވުމާއި އެކު އައިސޮލޭޓް ވާން އަންގަން ޖެހޭނެ ކަމަށާޢި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އަދި މާސްކު އެޅުން މަޖުބޫރު ނޫން ނަމަވެސް އެކަމަށް އެދިވިގެންވާ ކަމަށް އަންގަން ވާނެ ކަމަށެވެ.
މީގެ އިތުރުން އަދިވެސް އިންޑިއާއަށް އެތެރެވެވޭނީ އެމީހަކު ދަތުރު ކުރާ ގައުމެއްގައި ކޯވިޑް ވެކްސިން އާއި ގުޅިގެން ކަނޑައަޅާފައިވާ އަދަދަށް ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށް ބުނެފައިވެ އެވެ.
ކޯވިޑް ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާ އިންޑިއާގެ އެއާޕޯޓުތަކުގައި މާސްކު އެޅުން މަޖުބޫރު ނޫން ކަމަށް މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން ނިންމީ މިދިޔަ ހަފްތާގައި އެވެ.
ކޯވިޑާއި ގުޅިގެން ލޮކްޑައުން ކުރުމަށް ފަހު އިންޑިއާގެ އެއާޕޯޓުތައް ބައިނަލް އަގުވާމީ ދަތުރުތަކަށް ހުޅުވާލީ ދެ އަހަރު ފަހުން މިއަހަރުގެ މާޗްމަހުގެ 27 ވަނަ ދުވަހު އެވެ.
މިހާތަނަށް އެ ގައުމުގައި ކޯވިޑް ބަލި ޖެހިފައިވަނީ 4,46,69,421 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް