ފީފާ ވޯލްޑް ކަޕް 2022: ކްރޮއޭޝިއާ - މޮރޮކޯ މެޗު ޕްރިވިއު

ކްރޮއޭޝިއަ އަކީ އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތުގެ ރަނަރަޕް ޓީމެވެ. އެ މީހުން ބޮޑު މުބާރާތެއްގެ ތައްޓެއް ހޯދުމަށް ކުރާ ދަތުރު މިއަދު ފަށާއިރު، މޮރޮކޯ އެ ޓީމަށް ބ...

23 Nov 2022 | 04:28

ކްރޮއޭޝިއަ އަކީ އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތުގެ ރަނަރަޕް ޓީމެވެ. އެ މީހުން ބޮޑު މުބާރާތެއްގެ ތައްޓެއް ހޯދުމަށް ކުރާ ދަތުރު މިއަދު ފަށާއިރު، މޮރޮކޯ އެ ޓީމަށް ބަލިކުރަން އުނދަގޫ ޓީމަކަށް ވާނެކަމަކަށް ނުފެނެއެވެ. މީގެ ކުރިން ވޯލްޑް ކަޕްގައި ވެސް އަދި އެކުވެރިކަމުގެ މޗެއްގައި ވެސް މި ދެ ޓީމު ބައްދަލުކޮށްފައެއް ނުވެއެވެ. މިއީ މޮރޮކޯ އަދި ކްރޮއޭޝިއާގެ ފުރަތަމަ ކުރިމަތިލުމެވެ.

ތާރީޚް: 23 ނޮވެމްބަރ 2022

ގަޑި: 15:00

ސްޓޭޑިއަމް: އަލް ބައިތް ސްޓޭޑިއަމް

ގްރޫޕް: އެފް

ފީފާ ރޭންކިންގ: ކްރޮއޭޝިއާ (12)، މޮރޮކޯ (22)

ކްރޮއޭޝިއާ ޓީމަށް ނަޒަރެއް:

ކްރޮއޭޝިއާ ޓީމަކީ މީގެ ކުރިން ވޯލްޑް ކަޕާއި ޔޫރޯގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ޓީމެކެވެ. ދުނިޔޭގެ ފުޓްބޯޅައިގައި މިވަގުތު އޮތް ގަދަ ބާރުތަކުގެ ތެރޭގައި ހިމެނޭ ބާރެކެވެ. މީގެ ކުރިން ކްރޮއޭޝިއާއިން ވަނީ ފަސް ވޯލްޑަ ކަޕެއްގައި ކުޅެފައެވެ. އޭގެތެރެއިން 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުގެ ސެމީއަށް ކްރޮއެޝިއާ ދަތުރުކުރި އިރު، އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕް މުބާރާތުގެ ފައިނަލުގައި ވެސް އެޓީމު ކުޅުނެވެ. ކްރޮއޭޝިއާ އަކީ އެންމެ ފަހުން ބޭއްވުނު ވޯލްޑް ކަޕްގެ ރަނަރަޕް ޓީމެވެ.

ކްރޮއޭޝިއާ މިއަދު މޮރޮކޯއާއި ދެކޮޅަށް ނިކުންނައިރު، އެޓީމުގެ ތަރިއަކީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލުކަ މޮޑްރިޗްއެވެ. އޭނާގެ ހުރަސްތަކާއި ދުރުން ޖަހާ ބާރު ސޮޓްތައް ވާނީ މޮރޮކޯ ޓީމުގެ ޑިފެންސަށް ބޮޑު ނުރައްކަލަކަށެވެ.

މޮރޮކޯ ޓީމަށް ނަޒަރެއް:

މޮރޮކޯ އަކީ ވެސް ވޯލްޑް ކަޕް ތަޖުރިބާ ހުރި ޓީމެކެވެ. މީގެ ކުރިން ފަސް ފަހަރު ވޯލްޑް ކަޕުގައި ވާކޮށްފައިވާ މޮރޮކޯއިން ވަނީ އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕުގައިވެސް ކުޅެފައެވެ. ނަމަވެސް އެޓީމު ކެޓީ ގުރޫޕް ސްޓޭޖުންނެވެ. މޮރޮކޯއަށް މިހާތަނަށް ވޯލްޑް ކަޕެއްގައި އެންމެ ކުރިޔަށް ދެވުނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގެ ދެވަނަ ބުރަށް މޮރޮކޯ ދަތުރުކުރިއެވެ. މޮރޮކޯ ވަނީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ އެފްރިކަން ކަޕް އޮފް ނޭޝަންގެ ޗެމްޕިއަންކަން ވެސް އެއް ފަހަރު ހޯދާފައެވެ. އެއީ 1976 ވަނައަހަރުގައެވެ. ނަމަވެސް އޭގެ ފަހުން އެ މުބާރާތުން ވެސް އެޓީމަށް ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

މިއަދުގެ މެޗަށް ނިކުންނައިރު، އެޓީމުގެ ތަރިއެއްގެ ގޮތުގައި ބެލެވިފައިވަނީ ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އަސްރަފް ހަކީމީއެވެ. މޮރޮކޯގެ ޑިފެންސްލައިނުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވޭ ހަކިމީ އަކީ ކްރޮއޭޝިއާގެ ފޯވަޑް ލައިނަށް ހުރި އުނދަގުލަކަށް ވާނެއެވެ.

ކްރޮއޭޝިއާ ފޯމް:

ކްރޮއޭޝިއާ އެންމެ ފަހުން ކުޅުނު ފަސް މެޗަސް ބަލާއިރު، އޭގެތެރެއިން ހަތަރު މެޗަކީ ޔޫއެފާ ނޭޝަނަސް ލީގުގެ މެޗުތަކެވެ. ނޭޝަންސް ލީގުގެ ހަތަރު މެޗު ކުޅުނުއިރު، އެ ހަތަރު މެޗުން ވެސް ކްރޮއޭޝިއާ ވަނީ މޮޅުވެފައެވެ. މިފަހަރުގެ މުބާރާތައް ތައްޔާރުވުމަށް އެޓީމުން ކުޅުނީ އެކުވެރިކަމުގެ އެންމެ މެޗެކެވެ. އެއީ ސައުދީ އަރަބިޔާއާއި ދެކޮޅަށް ކުޅުނު މެޗެވެ. މި މެޗުން އެޓީމު މޮޅުވިއެވެ. އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާތައް ރަނގަޅެވެ. އެހެން ކަމުން މި ފަހަރުގެ މުބާރާތާއި ކްރޮއޭޝިއާ ކުރިމަތިލަނީ ރަނގަޅު ފޯމެއްގައި އޮވެގެންނެވެ.

މޮރޮކޯ ފޯމް:

މޮރޮކޯ އެންމެ ފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ އެފްރިކަން ކަޕް އޮފް ނޭޝަންސް ކޮލިފައިން ދެ މެޗާއި މިފަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ތިން މެޗެވެ. މި މެޗުގެ ނަތީޖާތަކަށް ބަލާއިރު ނަތިޖާތައް ގޯހެއް ނޫނެވެ. މި ފަސް މެޗުގެ ތެރެއިން މޮރޮކޯ ބަލިވީ އެންމެ މެޗަކުންނެވެ. ތިން މެޗުން މޮޅުވިއިރު، އެއް މެޗުން ވީ އެއްވަރެވެ. އެހެން ކަމުން މޮރޮކޯ ވެސް އޮތީ ރަނގަޅު ފޯމެއްގައޭ ބުނުކަމުން ގޯހެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް