ވޯލްޑް ކަޕް 2022: ފަހަތުން އަރައި ފްރާންސުން އޮސްޓްރޭލިއާ ބަލިކޮށްފި

ފީފާ ވޯލްޑް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން ފަހަތުން އަރައި އޮސްޓްރޭލިއާ ބަލިކޮށްފިއެވެ. ގަތަރުގެ އަލް ޖަނޫބްގައި އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅުނު މެޗު ފްރާންސުން ކާމިޔާބު ކުރީ 4-1 އިންނ...

23 Nov 2022 | 01:55

ފީފާ ވޯލްޑް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން ފަހަތުން އަރައި އޮސްޓްރޭލިއާ ބަލިކޮށްފިއެވެ.

ގަތަރުގެ އަލް ޖަނޫބްގައި އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅުނު މެޗު ފްރާންސުން ކާމިޔާބު ކުރީ 4-1 އިންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އޮސްޓްރޭލިއާ ޓީމުންނެވެ. ފުރަތަމަ ހާފުގެ ނުވަ ވަނަ މިނެޓުގައި އޮސްޓްރޭލިއާއަށް ލީޑު ނަގައިދިނީ ކްރެއިގް ގުޑްވިންއެވެ. މިއީ މެތިއު ލެކީ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގުުޑްވިން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ފްރާންސަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޑްރިއެން ރަބިއޯޓްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމަށް ލީޑު ނަގައިދިނީ އޮލިވިއޭ ޖިރޫޑެވެ.

ފްރާންސް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ފްރާންސްގެ ތިންވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ޖަހައިދިނީ ޓީމުގެ ތަރި ކީލިއަން އެމްބާޕޭއެވެ. ފްރާންސްގެ ހަތަރުވަނަ ލަނޑު 71 ވަނަ މިނެޓުގައި ޖަހައިދިނީ ޖީރޫޑެވެ. އޭނާ މި މެޗުގައި ދެ ލަނޑު ޖެހިއިރު، މި ދެ ލަނޑާއެކު އޭނާ ފްރާންސްގެ ޤައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ ޖުމްލަ 51 އަށް އަރާފައެވެ. މިހާތަނަށް ފްރާންސަށް އެންމެ ގިނަ ލަނޑު ޖަހައިދިން ތިއެރީ އޮންރީވެސް ވަނީ ފްރާންސް ޓީމަށް 51 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ރޭގެ މި ނަތީޖާއާއެކު ގްރޫޕް ޑީގެ އެއްވަނާގައި ތިން ޕޮއިންޓު ހޯދައިގެން ފްރާންސް އޮތްއިރު، ގްރޫޕްގައި ދެން ކުޅުނު މެޗުން އެއްވަރުވި ޑެންމާކާއި ޓިއުނީޝިޔާއަށް ލިބެނީ އެއް ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ފްރާންސް އަތުން ބަލިވި އޮސްޓްރޭލިއާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް