އަބްދުﷲ ޝާހިދު -- ފޮޓޯ: އެމްޑީޕީ
ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޙާލަތު އިންތިހާއަށް ގޯސްވެ، ޕެނަޑޯލް ގުޅައެއްވެސް ނުލިބޭ މިންވަރަށް ބޭހުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި، މި ސަރުކާރުގެ މަޤުޞަދަކީ ރައްޔިތުން އަޅުވެތިކޮށް އަނެއްކާވެސް ސަލާންޖެހުމުގެ ސަގާފަތް އިޔާދަކުރުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ތުހުމަތުކުރައްވައިފިއެވެ.
އެސް.އެސް.ޓީ.ވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ކޮވިޑް-19 ގެ އެންމެ ދަތި ދުވަސްވަރު މުޅި ދުނިޔެ ބަންދުވެފައި އޮތްއިރުވެސް، އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުން އަސާސީ ބޭސްފަރުވާއަށް ނުޖެހި ތިބި ކަމަށެވެ.
އައްޑޫ މީދޫއިން ދާދި ފަހުން ދިމާވި މީހެއްގެ ފަރާތުން އިވުނު ވާހަކައެއް ހިއްސާކުރައްވަމުން ޝާހިދު ވިދާޅުވީ، މިއަދު އައްޑޫ މީދޫ ފަދަ ރަށްރަށުންވެސް ބޮލުގައި ރިއްސައިގެން ގަނެލާނެ ޕެނަޑޯލް ގުޅައެއް ނުލިބޭ ކަމަށާއި، ބޭސްސިޓީ ހިފައިގެން އެއް ފިހާރައިން އަނެއް ފިހާރައަށް ހިނގަންޖެހިފައިވާ ކަމަށެވެ.
"ހެލްތު މިނިސްޓަރު ނުކުމެވަޑައިގެން މި ވިދާޅުވަނީ ލިބެން ހުންނަ ބޭސް ލިޔާށޭ. ދެން ކިހިނެއްތޯ ކަންފަތުގައި ރިއްސާތީ ދާ މީހަކަށް ޑޮކްޓަރު ލިޔެދޭނީ ފުންނާބުގައި ރިއްސާތީ އުނގުޅާ ބޭސް؟" ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީގެ ސިޔާސީ މަޤާމުތައް މަދުކޮށް، ދާއިރާއިން ކިޔަވައިގެން ތިބި ޢިލްމީ ބޭފުޅުންގެ އަޑުއެހުމަށް ގޮވާލައްވަމުން ޝާހިދު ވިދާޅުވީ، އާސަންދައިން ބޭސްކުރަންވެސް މިއަދު ސަލާންޖަހަންޖެހިފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުޅި ވިސްނުމަކީ ރައްޔިތުން ނިކަމެތިކޮށް، ސިޔާސީ ގޮތުން ނުފޫޒުފޯރުވުމަށްޓަކައި ރައްޔިތުން އަޅުވެތިކުރުން ކަމަށް ޝާހިދު ސިފަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް