ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖެއިން ބޭރުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް އެ ދަރިވަރުން ދިރިއުޅޭ ގައުމުގައި ޑެބިޓް ކާޑުން ކުރެވޭ ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް ކަނޑައަޅާފައިވާ ލިމިޓް 1 ނޮވެންބަރު 2024 ވަނަ ދުވަހުން ފެށިގެން 1200 ޑޮލަރަށް ބޮޑު ކުރުމަށް ނިންމައިފިއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކަށް ޑޮލަރު ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ ދަތިތައްވެސް އެ ބޭންކުން ބަލައިގަންނަ ކަމަށާއި ބޭންކުން މިއަދު މި ނިންމި ނިންމުމަކީ އެ ދަރިވަރުން ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާއިރު ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް އިސްކަންދީ އެ ދަރިވަރުންނަށް އެހީތެރިވުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.
އަލަށް ކަނޑައެޅުނު ބޮޑު ލިމިޓް ހަމަޖެއްސުމަށް އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ދަރިވަރުން ރަޖިސްޓްރީވާންޖެހޭނެކަމަށާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭންކުން ފަހުން ހާމަކުރާނެކަމުގައި އެ ބޭންކުން މިރޭ ބުނެފައިވެއެވެ.
ބީއެމްއެލްއިން އިތުރަށް ބުނެފައިވަނީ ޑޮލަރުގެ ހާލަތަށް އަންނަމުންދާ ބަދަލުތައް ބޭންކުން އަބަދުވެސް ބަލަމުންދާނެކަމަށާއި އަދި ހާލަތަށް ބެލުމަށްފަހު ގެނައުމަށް ނިންމާ އިތުރު ބަދަލުތަކާ ގުޅޭ މައުލޫމާތު ބޭންކުން ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް