ފެށޭ 2025 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މުސާރައިގެ ގޮތުގައި ނަންގަވާނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަން ހާމަކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނު ފައްޓަވާފައިވާ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން މިއަދު އިއުލާނުކުރެއްވެވި ބައެއް ކަންތަކުގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިހާރުގެ މުސާރައަކީ މަހަކު އެއް ލައްކަ ރުފިޔާއެވެ. އެހެންކަމުން މި ބަދަލާއެކު އަންނަ އަހަރުން ފެށިގެން ދެ އަހަރުގެ މުއްދަތަށް ރައީސް މުސާރައިގެ ގޮތުގައި ނަންގަވާނީ މަހަކު 50 ހާސް ރުފިޔާއެވެ.
ރައީސް ވަނީ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން މިއަދު ގިނަ ކަންތައްތަކެއް އިއުލާނުކުރައްވާފައެވެ. އެގޮތުން ސިޔާސީ ވެރިންނާއި ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރަން އަންނަ އަހަރު ހުށަހަޅާ ބަޖެޓާއެކު ހުށަހަޅުއްވާނެކަން އިއުލާނުކުރެއްވިއެވެ. އަދި ޝަރުއީ ދާއިރާގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރައިންވެސް 10 އިންސައްތަ އުނިކުރަން އެ ފަރާތްތަކުގެ ކިބައިން އެދެން ނިންމިކަންވެސް ރައީސް އިއުލާނުކުރެއްވިއެވެ.
މި ބަދަލުތައް ގެންނާނީ ދެ އަހަރުގެ މުއްދަތަށް ކަމަށާއި އަދި މުސާރަ އުނިކުރާއިރު އަސާސީ މުސާރަ 12،000 އިން ދަށުން ލިބޭ މުވައްޒަފުން މި ބަދަލުން އިސްތިސްނާ ވާނެކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް