ތޫފާން "ދާނާ" އުފެދިއްޖެ – މާދަމާ އިންޑިއާގެ އައްސޭރިއަށް ފޯރާނެ

ބަންގާޅު ކަނޑުގައި ހުރި ކޮޅިގަނޑު ބާރުގަދަވެ ތޫފާނެއް އުފެދިފައިވާކަމަށް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފިއެވެ. އެގޮތުން މިއަދު ހެނދުނު 09:10 ގައި އިންޑިއާގެ މެޓުން ނެރެފައިވާ މޫސުމީ ބ...

23 Oct 2024 | 06:41

ބަންގާޅު ކަނޑުގައި ހުރި ކޮޅިގަނޑު ބާރުގަދަވެ ތޫފާނެއް އުފެދިފައިވާކަމަށް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފިއެވެ.

އެގޮތުން މިއަދު ހެނދުނު 09:10 ގައި އިންޑިއާގެ މެޓުން ނެރެފައިވާ މޫސުމީ ބުލެޓިންގައި ބުނެފައިވަނީ  ތޫފާން "ދާނާ" ގެ ނަމުން ނަން ދީފައިވާ ތޫފާން ދަތުރުކުރަމުން އަންނަނީ އިންޑިއާގެ އޮޑީޝާ، ވެސްޓް ބެންގާލް އަދި ބަންގްލަދޭޝްގެ ޚޭޕުޕޫރާ ސަރަހައްދަށް ކަމަށެވެ.

މާދަމައާއި ހަމައަށް ތޫފާނުގެ ބާރު އިތުރަށް ގަދަވެ ބާރުގަދަ ތޫފާނެއްގެ ދަރަޖަށް ތޫފާން ބަދަލުވާނެ ކަމަށް އަންދާޒާކޮށް ބުނެފައިވަނީ މާދަމާގެ ހެނދުނުގެ ވަގުތެއްގައި އިންޑިއާ ބަންގްލަދޭޝް އައްސޭރިއާއި ހަމައަށް ފޯރާނެ ކަމަށެވެ.

ގަދަ ވަޔާއި ބޯ ވިއްސާރަ ކުރާނެކަމަށް ފޯކާސްޓްކުރާއިރު ތޫފާން އިންޑިއާއާއި ހަމައަށް ފޯރާއިރު އާންމު ގޮތެއްގައި ވައިގެ ބާރުމިން ގަޑިއަކު 62 މޭލު ބާރުމިނުގައި އަދި ކޮޅިގަނޑުގައި ގަޑިއަކު 74 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައި ފޯކާސްޓްކޮށްފައިވެއެވެ.

މި ތޫފާނަށް ދީފައިވާ ނަމަކީ ތޫފާން “ދާނާ” އެވެ. އިނގިރޭސި ބަހުން ނަމަ ކިޔާފައިވަނީ “Cyclone Dana” އެވެ.

މި ނަމަކީ މި ސަރަހައްދުގައި އުފެދޭ ތޫފާން ތަކަށް ކިޔުމަށް އެކުލަވާލާފައިވާ ނަން ލިސްޓަށް ޤަތަރުން ދީފައިވާ ނަމެކެވެ.

ތޫފާން ދާނާއާއި ގުޅިގެން އޮޑީޝާ އަދި ވެސްޓް ބެންގާލްގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ މީހުން ސަލާމަތީ އައްސޭރިތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. މާދަމާ އަދި ޖެހިގެން އަންނަ ދުވަހު އެ ސަރަހައްދުގެ ސްކޫލުތައްވެސް ބަންދުވާނެކަން މިހާރުވަނީ އިއުލާނުކޮށްފައެވެ.

ބަންގާޅު ކަނޑު އަދި އަރަބި ކަނޑުގައި އުފެދޭ ތޫފާންތަކުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރަމުންދެއެވެ. މި ތޫފާން އުފެދުނު އިރުވެސް އަދި ތޫފާނަކަށް ބަދަލުވާއިރުވެސް ހުންނާނީ ރާއްޖެއާއި ވަރަށް ދުރުގައި ކަމުން މި ތޫފާނުގެ ނުސީދާ އަސަރުވެސް ރާއްޖެއަށް ކޮށްފާނެ ކަމަކަށް ނުބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް