ބަންގާޅު ކަނޑުގައި ތޫފާން "ހަމޫން" އުފެދިއްޖެ

ބަންގާޅު ކަނޑުގައި އުފެދުނު ތޫފާނީ ސެޓަޕް ތޫފާނަކަށް ބަދަލުއްޖެއެވެ. މި ތޫފާނަށް ދީފައިވާ ނަމަކީ ތުފާން "ހަމޫން" އެވެ. ސަރަހައްދީ މޫސުމީ އިދާރާއިން ބުނެފައިވާގޮތުގައި ތޫފާން ހަމޫންގެ މިވަގުތުގެ ލޮކޭޝަ...

23 Oct 2023 | 18:33

ބަންގާޅު ކަނޑުގައި އުފެދުނު ތޫފާނީ ސެޓަޕް ތޫފާނަކަށް ބަދަލުއްޖެއެވެ.

މި ތޫފާނަށް ދީފައިވާ ނަމަކީ ތުފާން "ހަމޫން" އެވެ.

ސަރަހައްދީ މޫސުމީ އިދާރާއިން ބުނެފައިވާގޮތުގައި ތޫފާން ހަމޫންގެ މިވަގުތުގެ ލޮކޭޝަނަކީ އިންޑިއާގެ އޮޑީޝާގެ ދެކުނުން 200 ކިލޯމީޓަރު ދުރުގައި އަދި ބަންގްލަދޭޝްގެ ޚެޕޫޕަރާގެ ހުޅަނގު ދެކުނުން 450 ކިލޯ މީޓަރު ދުރުގައެވެ. އަދި މި ތޫފާން ގަޑިއަކު 16 ކިލޯމީޓަރު ބާރުމިނުގައި ފާއިތުވި ހަ ގަޑިއިރުގެތެރޭގައި ދަތުރުކޮށްފައިވާއިރު ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ބަންގްލަދޭޝްގެ ޚެޕޫޕަރާ އަދި ޗިޓަގޮންގް އައްސޭރިއަށް ފޯރާނެއެވެ. އަދި އެއަށްފަހު މި ތޫފާނުގެ ބާރު ދަށްވެ ބާރުގަދަ ކޮޅިގަނޑެއްގެ ދަރަޖައަށް ބަދަލުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބަންގްލަދޭޝްގެ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ކޮކްސް ބާޒާރު ހިމެނޭހެން އެ ސަރަހައްދުގެ ހަތަރު އަވަށެއްގައި މޫސުމީ އެލާޓް ވަނީ ނެރެފައެވެ. ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން އެ ސަރަހައްދުތަކުން މަސްވެރިން ކަނޑަށް ނުނިކުތުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ތޫފާން ހަމޫން އުފެދިފައިވާއިރު އަނެއްކޮޅުން އަރަބި ކަނޑުގައި އުފެދުނު ތޫފާން "ތޭޒް"ގެ މިސްރާބު ހުރީ ޔަމަނާއި ދިމާއަށެވެ. މިރޭގެ ދަންވަރު ނޫން ނަމަ މާދަމާގެ ހެނދުނުގެ ވަގުތެއްގައި ތޫފާން "ތޭޒް" ޔަމަނުގެ އަލްގޭދާ އަވަށަށް އަރާނެ ކަމަށް ސަރަހައްދީ މޫސުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

ޔަމަނުގެ މީޑިއާ ރިޕޯޓްތަކަށް ބަލާލާއިރު ބާރުގަދަ ތުފާނެއްގެ ގޮތުގައި ތޫފާން "ތޭޒް" ޔަމަނަށް އަރާއިރު ގަޑިއަކު 41 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ. 500 އާއި 750 މިމިލީޓަރުގެ ވާރޭ ވެހުން އެކަށީގެންވެއެވެ. އެހެން ނަމަވެސް ތޫފާން "ތޭޒް" ޔަމަނުގެ އަލްގޭދާއަށް އެރުމަށްފަހު ދެން ދާނީ ތޫފާނުގެ ބާރު މަޑުމަޑުން ދަށްވަމުން ކަމުގައި ލަފާކޮށްފައިވެއެވެ.

ދެ ތޫފާނަށް ބަލާލާއިރު ތޫފާން "ހަމޫން" އަކީ އެހާ ބާރުގަދަ ތޫފާނެއް ނޫނެވެ. އެހެން ނަމަވެސް ތޫފާން "ތޭޒް" މިހާރުވެސް ގިންތިކޮށްފައިވަނީ ބާރުގަދަ ތޫފާނެއްގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް