ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ މެދުއިރުމަތީގެ ގައުމުތައް ކޮންޓްރޯލުން ނެއްޓިދާނެ ކަމުގެ އިންޒާރު އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުލް ހަޔާން އިސްރާއީލަށް ދެއްވައިފި އެވެ.
އަދި ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެމެރިކާގެ ފަރާތުން އިސްރާއީލުން ހިންގި ޕްރޮކްސީ ހަނގުރާމައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފަ އެވެ. އަދި އިސްރާއީލަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާވެސް ކުށްވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާއިތުވި ދެ ހަފުތާގެ ތެރޭގައި ޣައްޒާގައި ފަލަސްތީނުގެ 4،600 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އިސްރާއީލުން ހޮނިހިރު ދުވަހު ވަނީ ވައިގެ ހަމަލާތައް ވަރުގަދަ ކުރަމުން އަންނަކަން އިއުލާނުކޮށްފަ އެވެ.
ތެހެރާނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާމިރު އަބްދުލް ހަޔާން ވިދާޅުވީ ޣައްޒާގައި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ވަގުތުން ހުއްޓާނުލައިފިނަމަ އެ ސަރަހައްދު ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ ކަމުގެ އިންޒާރު އެމެރިކާ އަށާއި އެގައުމުގެ ޕްރޮކްސީ އިސްރާއީލަށް އަރުވާ ކަމަށެވެ.
އަދި މި ނަތީޖާއަކީ ސަރަހައްދީ ގޮތުންނާއި ހަނގުރާމައަށް ވަކާލާތުކުރާ ފަރާތްތަކަށް ވެސް "ސީރިއަސް، ހަރުކަށި" އަދި ދުރު ރާސްތާގެ އަސަރުތަކެއް ކުރާނެ ނަތީޖާއަކަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަވަށްޓެރި ސޫރިޔާގައި، އީރާނުގެ އަސްކަރީ ބާރު އޮންނަ ސަރަހައްދުގައި، އިސްރާއީލުން ދިމިޝްގާއި އަލެޕޯ އިންޓަނޭޝަނަލް އެއާޕޯޓަށް އާދީއްތަ ދުވަހުގެ ފަތިހު މިސައިލް ހަމަލާއެއް ވަނީ ދީފަ އެވެ. މި ހަމަލާގައި އެ އެއާޕޯޓުގެ ދެ މަސައްކަތްތެރިން މަރުވެފައިވާ ކަމަށް ސޫރިޔާގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.
އެ ދެ އެއާޕޯޓުގެ ރަންވޭއަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެ ދެ އެއާޕޯޓު ވެސް ވަނީ ބޭނުން ނުކުރެވޭ ގޮތަށް ބަނދުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް