ފަލަސްތީނުގެ ރައްޔިތުންނަށް އިންޑިއާއިން ބޭސްފަރުވާއާއި ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ސާމާނު ފޮނުވައިފި އެވެ.
އިންޑިއާއިން ފަލަސްތީނަށް އިންސާނީ އެހީ ފޮނުވާފައިވާއިރު އޭގެ ތެރޭގައި ސިއްހީ ސާމާނާއި ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ސާމާނު ވެސް ހިމެނެ އެވެ. މި މެޑިކަލް ސާމާނުގައި ހިމެނެނީ ޒަރޫރީ ބޭހާއި، އިމަޖެންސީ މެޑިކަލް ބޭނުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ ރައްކާތެރިކަމުގެ އަދި ސާޖިކަލް ސާމާނުތަކެވެ. މީގެ އިތުރުން ފްލުއިޑްސް އާއި ޕެއިންކިލަރ ވެސް ހިމެނެ އެވެ.
ގާތްގަނޑަކަށް 32 ޓަނުގެ ބަރުދަނުގައި ހުރި ޑިޒާސްޓާ ރިލީފް މެޓީރިއަލްތަކުގެ ތެރޭގައި ޓެންޓާއި، ސްލީޕިން ބޭގާއި، ޓާޕަލިން އާއި ބޭސިކް ސެނިޓަރީ ޔުޓިލިޓީސް އަދި ފެން ސާފުކުރާ ޓެބްލެޓް ހިމެނެ އެވެ.
މި ރިލީފް ސާމާނު ހިފައިގެން އިންޑިއާގެ ވައިގެ ސިފައިންގެ ސީ17 މަރުކާގެ މަތިންދާބޯޓެއް ހިންޑޮން އެއާބޭސްއިން ފުރައިގެން މިސްރުގެ އެލް-އާރިޝް އެއާޕޯޓަށް ވަނީ ދަތުރުކޮށފަ އެވެ.
މި އެހީގެ ބޭނުމަކީ އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިދިޔަ ހޮނިހިރު ދުވަހު އިންސާނީ އެހީ ހިފައިގެން 20 ޓްރަކެއް މިސްރުގެ ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އެތެރެވެފައި ވީނަމަވެސް އިތުރު އެހީތެރިކަން ބޭނުންވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.
އދ.ގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގައި ޞިއްޙީ ޚިދުމަތުގެ ދަތިކަން ކުރިމަތިވެފައިވާ އިރު، ޕްރައިމަރީ ކެއަރ ފެސިލިޓީތަކުގެ 60 އިންސައްތަ އަށްވުރެ ގިނަ ތަންތަން ވަނީ ބަންދުވެފަ އެވެ. ކަރަންޓާއި، ބޭހާއި، މެޑިކަލް އިކުއިޕްމަންޓާއި، ސްޕެޝަލައިޒްޑް މުވައްޒަފުންގެ ދަތިކަމުގެ ސަބަބުން ހޮސްޕިޓަލްތައް ވަނީ ބޭނުމެއްނެތް ބޭކާރު ތަންތަނަށް ވެފަ އެވެ.
ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް