އިންސާނީ އެހީގެ ތިންވަނަ ގާފިލާ މިސްރުގެ ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އެތެރެވެއްޖެއެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފައިވާގޮތުގައި މިއަދު 20 ލޮރީގެ އެހީ ލިބިފައިވެއެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ ކާނާއާއި ބޭހާއި ހޮސްޕިޓަލުތަކަށް ބޭނުންވާ ބައެއް ތަކެއްޗެވެ.
މިއީ އިޒްރޭލުން މި މަހުގެ ހަތް ވަނަ ދުވަހު ޣައްޒާއަށް ހަމަލާތައް ދޭން ފެށިފަހުން ޣައްޒާއަށް ލިބުނު އެހީގެ ތިންވަނަ ގާފިލާއެވެ. ފުރަތަމަ ގާފިލާގައި 20 ލޮރީ، ދެވަނަ ގާފިލާގައި 14 ލޮރީ އަދި މި ގާފިލާގައި 20 ލޮރީއާއެކު އެކު ޖުމްލަ 54 ލޮރީގެ އެހީ މިހާތަނަށް ވަނީ ލިބިފައެވެ.
މިއަދު އެހީގެ އިތުރު ގާފިލާއެއް އެތެރެވިނަމަވެސް މިއަދުވެސް ތެޔޮ ލިބުނު ކަމަށް ބުނެފައެއް ނުވެއެވެ. ޣައްޒާގެ ބިމުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާ ޖަމާއަތްތަކުން ބުނާގޮތުގައި މިވަގުތަށް އެންމެ މުހިންމު ވަނީ ތެލެވެ. ތެޔޮ ނެތި ހޮސްޕިޓަލުތައް ހުއްޓިދާނެ ކަމުގެ ބިރު ހީވެފައިވާއިރު ފެން އުފެއްދުމަށާއި އެހީ ބެހުމަށް ވެހިކަލް ތައް އޮޕަރޭޓްކުރުމަށްވެސް ތެޔޮ ބޭނުންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް