މި ހިނގާ އޮކްޓޯބަރު މަހުގެ ހަތެއް ވީ ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން ކުއްލި ގޮތަކަށް އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކުގެ ބަދަލުގައި ކަމަށްބުނެ އިޒްރޭލުން ޣައްޒާއަށް ހަމަލާދެމުން އަންނަތާ މިއަދަށް މިވީ 16 ދުވަހެވެ.
މި ބަލައިލަނީ ފާއިތުވި 24 ގަޑިއިރު އިޒްރޭލު-ޣައްޒާ-ހުޅަނގުއައްސޭރި-ލުބުނާނު މަސްރަހުގެ މުހިންމު ކަންކަމަށެވެ.
އެގޮތުން ފާހަގަކޮށްލެވޭ އެއް ކަމަކީ އެހެން އެއްވެސް ދުވަހެއްގައި ހަމަލާތައް ނުދޭވަރަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހަމަލާތައް ދިން ކަމެވެ.
ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދިނެވެ. އެ ހަމަލާތަކުގައި ބިމާ ހަމަވި އިމާރާތްތަކުގެ ދަށުން ފުރާނަ ނެތް 30 މީހެއްގެ ހަށިގަނޑު ނަގަން ޖެހުނެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ހަމަ މި 24 ގަޑިއިރުގެ ވަގުތުގެތެރޭގައި ޣައްޒާގެ އުތުރުގައި ހުންނަ އިންޑޮނޭސިއަން ހޮސްޕިޓަލަށް ވައިގެ ހަމަލާތަކެއް ދިނެވެ. އެ ހަމަލާގައި އެ ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
އަދި ހަމަ އެހެންމެ މައި ދެ ހޮސްޕިޓަލަކާއި ކައިރި ހިސާބުތަކަށް ވައިގެ ހަމަލާތަކެއް ދިނެވެ. އެއީ އަލް-ޝިފާ ހޮސްޕިޓަލާއި އަލް-ޤުދްސް ހޮސްޕިޓަލެވެ. އެ ހަމަލާތައް ދީފައިވަނީ ހޮސްޕިޓަލުތައް ހުސްކުރުމަށް ދުރާލާ އިންޒާރުވެސް ދިނުމަށްފަހުގައެވެ. އެހެން ނަމަވެސް އެ އިންޒާރުތަކަށް އެ ހޮސްޕިޓަލުތަކުން އަމަލުކޮށްފައެއް ނުވެއެވެ.
އިތުރު މުހިންމު ކަމަކަށް ފާހަގަކޮށްލެވެނީ ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ހަރަކާތްތައް އިތުރުކޮށް ގިނަ ބަޔަކު ހައްޔަރުކުރަމުން އަންނަ ކަމެވެ. ހުޅަނގު އައްސޭރީގައި މިއިން ޒަމާނަކު މަސްރަހު ހޫނު ނުވާވަރަށް މަސްރަހު ހޫނުވެފައިވާކަމަށް މުރާސިލުން ބުނެއެވެ.
ނަމްބަރުތަކަށް ބަލާލާއިރު ހާހުން ގުނާލެވޭ މިންވަރަށް އިމާރާތްތައް ވަނީ ބިމާ ހަމަކޮށްލާފައެވެ. ތައުލީމީ ހިދުމަތްދޭ 206 އިމާރާތަކަށް ހަމަލާ ދީފައިވާއިރު ސިއްހީ ހިދުމަތްދީ 29 ތަނަކަށް އެކި ގޮތްގޮތުން ގެއްލުން ލިބިފައިވެއެވެ. 23 އެމްބިއުލާންސެއް ހަމަލާތަކުގައި ހަލާކުވެފައިވެއެވެ. ފެނާއި ނަރުދަމާގެ 11 ސްޓޭޝަނެއް ހަލާކުކޮށްލާފައިވެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 400 އަށްވުރެ ގިނަ މީހެއްގެ ފުރާނަ ގޮސްފައިވާކަމަށް ފަލަސްތީނުގެ ރަސްމީ ނޫސް އިދާރާ، ވަފާ ނިއުސް އޭޖެންސީން ހާމަކޮށްފައިވެއެވެ. އަދި އެ 400 މީހުންންގެތެރެއިން 65 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން ކަމަށްވެސް ވަފާއިން ރިޕޯޓްކުރެއެވެ.
އިޒްރޭލުން ބުނެފައިވާގޮތުގައި ރޭގައި އެކަނި އިޒްރޭލުން ޣައްޒާއަށް 320 ހަމަލާ ދީފައިވެއެވެ.
އިންސާނީ އެހީ ލިބުމުގެ ހާލަތަށް ބަލާލާއިރު ފުރަތަމަ އެހީގެ ގާފިލާގައި 20 ލޮރީ އަދި ދެވަނަ ގާފިލާގައި 17 ލޮރީގެ އެހީ ޣައްޒާއަށް ލިބުނު ނަމަވެސް އެއިން އެއްވެސް ގާފިލާއެއްގައި ތެޔޮ ލިބިފައެއް ނުވެއެވެ. އެހެންކަމުން ހާލަތު އަދިވެސް އަންނަނީ އިންތިހާއަށް ގޯސްވަމުންނެވެ. އަދި އެހީގެ ގޮތުގައި ލިބުނު ތަކެއްޗަކީވެސް ބޭނުންވާ މިންވަރުގެ ގާތްގަނޑަކަށް ދެތިން އިންސައްތައާއި އެއްވަރު އަދަދެއް ކަމުގައި އިންސާނީ އެހީ ދިނުމުގައި ޣައްޒާގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް