ލ. ހިތަދޫ ކުޅި ކައިރީގައި ހުރި ރުއްތަކެއް ބަޔަކު ކަނޑާލައިފި

ލ. ހިތަދޫ ކުޅި ކައިރީގައި ހުރި ރުއްތަކެއް ބަޔަކު ކަނޑާލައިފިއެވެ. އެރަށު ފެކްޝަން ސްޕޯޓްސް ކްލަބުން ބުނީ، މިއަދަކީ ތާމަވެރި ދުވަހެއް ކަމށާއި، ހިތަދޫ ޔޫތު އެންޑް ވެޓްރެންސް ސްޕޯޓްސް ކްލަބް އިން ލ. ހިތ...

23 Oct 2023 | 08:36

ލ. ހިތަދޫ ކުޅި ކައިރީގައި ހުރި ރުއްތަކެއް ބަޔަކު ކަނޑާލައިފިއެވެ.

އެރަށު ފެކްޝަން ސްޕޯޓްސް ކްލަބުން ބުނީ، މިއަދަކީ ތާމަވެރި ދުވަހެއް ކަމށާއި، ހިތަދޫ ޔޫތު އެންޑް ވެޓްރެންސް ސްޕޯޓްސް ކްލަބް އިން ލ. ހިތަދޫ ކުޅި ސަރަހައްދުގައި ހަދައިފައިވާ ޖޯލިފަތިތަކާއި އަށިތައް ހަދާފައިވާ ސަރަހައްދުގައި ހުރި ރުއްތައް ބަޔަކު ނިކުމެ ރޭގެ ވަގުތެއްގައި ބިމާ ހަމަކޮށްފައި ވާތީ ކަމަށެވެ.

މި ފަދަ އަމަލުތަކަކީ ރަށުގެ އެއްބައިވަންތަކަމާއި އަމާންކަން ނަގާލުމަށް ބަޔަކު ރާވައިގެން ކުރަމުން އަންނަ ކަންތަކެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި. މި ފަދަ އަމަލުތައް ހިންގާ ފަރާތްތަކާއިމެދު ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު ނޭޅި ދަނީނަމަ އެއީ އިޖްތިމާއި ގިނަކަންތައްތަކަކަށް ހުރަސް އެޅިގެން ދާނެ ކަމަށްވެސް އެ މަޖިއްޔާއިން ބުންޏެވެ.

އެކަމާ ގުޅިގެން ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝައްމޫން ވިދާޅުވީ، އެ ހާދިސާ ހިންގާފައި ވަނީ ރޭގެ ވަގުތެގައި ކަމަށެވެ. އަދި ރުއްތަކަށް ގެއްލުން ދީފައި ހުރިތަން ފުރަތަމަ ފެނުނީ އެތަނަށް ދިޔަ ދެމަފިރިއަކަށް ކަމަށާއި، އެމީހުން އެކަން ކައުންސިލަށް އެންގި ކަމަށެެވެ.

އެ ހާދިސާއާ ގުޅިގެން މާމެންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ފުލުހުން މިހާރު ހިތަދޫ ކުޅި ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދާކަމަށް ޝައްމޫން ވިދާޅުވިއެވެ.

އޭގެ އިތުރުން ޝައްމޫން ވިދާޅުވީ.، ހިތަދޫ މަޝްހުރު ވެފައި ވަނީ އެ ކުޅީގެ ސަބަބުން ކަމަށާއި ރަށަށް އިންވެސްޓަރުން އަހިސް، ނަފާތަކެއްވެސް ލިބިފައި ވަނީ ކުޅީގެ ސަބަބުން ކަމަށެވެ.

އެހެންކަމުން އެފަދަ ގެއްލުމެއް ދިނުމަކީ ވަރަށް ނާހަތުޒީބު އަދި ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށް ޝައްމޫން ވިދާޅުވިއެވެ.

ރަށުގެ ރައްޔިތުންނަކީ ވަރަށް އެއްބައިވައްތަ ބައެއްކަން ފާހަގަ ކުރައްވައި ޝައްމޫން ވިދާޅުވީ، ރަށުގެ އާއްމުން މިފަދަ ކަމެއް ކުރާނަމަ ކުރާނީ އިއްޔެ ނޫނީ މިއަދު ނޫން ކަމަށެވެ. އަދި އެއީ އެރަށު މީހަކު ކޮށްފައިވާ ކަމެއް ކަމަށް ގަބޫލު ކުރަން ދަތި ކަމަށް ޝައްމޫން ވިދާޅުވިއެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް