އެއްގަމުން ޣައްޒާއަށް ފައުޖުތައް ވަދެގަތުން އިޒްރޭލުން މަޑުޖައްސާލަން ނިންމާފައިވާކަމަށް ދަ ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ.
އެގޮތުން އެކަން ފަސްކޮށްލަން ނިންމަނީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އެކަމަށް ޕްރެޝަރު ކުރާތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް ޣައްޒާއަށް އެއްގަމުން ވަދެގަތުން މަޑުކުރަނީ އަދި އެކަމުގައި ދެ ސަބަބެއްވާތީ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެގޮތުން އެއް ސަބަބަކީ އެމެރިކާއިން އިޒްރޭލަށް ހަދިޔާކުރާ އިތުރު އަސްކަރީ ހަތިޔާރު ލިބެންދެން މަޑުކުރުމެވެ. އަނެއް ކަމަކީ ބައިނަލްއަގްވާމީ ގުޅުންތަކާއެކު ކުރިއަށްގެންދެވޭ މަޝްވަރާތަކުގެ އަލީގައި ހަމާސްގެ އަތްދަށުގައި ތިބި އަސީރުން މިނިވަން ކުރެވޭތޯ މަސައްކަތް ކުރުމެވެ.
ހަމާސް އިން ވަނީ މިހާތަނަށް އާންމުންގެ ދެ އަސީރަކު މިނިވަންވެސް ކޮށްފައެވެ. މިނިވަން ކުރީ އެމެރިކާއަށް ނިސްބަތްވާ ދެމައިންނެވެ. އެ ދެމައިން މިނިވަންކުރުމާއި ހަމައިން ޖޯ ބައިޑަން އަންނަނީ ޢައްޒާއަށް ވަދެގަތުން މަޑު ޖައްސާލަން އިޝާރާތް ކުރަމުންނެވެ. އެއީ އެމެރިކާއަށް ނިސްބަތްވާ އަސީރުން އަދިވެސް ތިބީތީއެވެ.
ޣައްޒާއަށް ވަދެގަތުން މަޑުޖައްސާލަން އެއްބަސްވާނަމަ އަސީރުންގެ ގޮތުގައި ތިބި އާންމުންގެ މީހުން ދޫކުރަން ތައްޔާރަށް ތިބިކަން އިއްޔެ ހަމާސް އިންވެސް ހާމަކޮށްފައިވެއެވެ. ހަމާސްއިން އިއްޔެވެސް ބުނީ ދެ އަސީރަކު ދޫކުރަން ތައްޔާރު ކަމަށެވެ. އެހެން ނަމަވެސް ހަމާސްގެ އެ ހުށަހެޅުމަށް އިއްޔެ އިޒްރޭލުން ނޫނެކެ ބުންޏެވެ.
ޣައްޒާއަށް ވަދެގަތުން މަޑުޖައްސާލަން އިސްރޭލުން ނިންމި ކަމަށް ދަ ނިއުޔޯކް ޓައިމްސް އިން ރިޕޯޓް ކުރި ނަމަވެސް އެކަން ރަސްމީ ސިފައެއްގައި އިޒްރޭލުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް