އަންނަ ދައުރުގައި ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ކުރިމަތިލާން ނިންމައިފިއެވެ.
އެ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ޕާޓީގެ ފަރާތުން ކުރިމަތިލާން ނިންމާފައިވާ ކަމަށާއި، އަދިމަޖިލިސް ތަމްސީލު ކުރާ ދާއިރާތަކުގެ އަދަދު މަދުކުރެވޭތޯވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ޕާޓީގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅާފައި ވަނީ މަޖިލިސް ތަމްސީލު ކުރާ ދާއިރާތަކުގެ އަދަދު 76ށް މަދު ކުރުމަށެވެ.
އެ މަސައްކަތްވެސް ކުރަމުންދާކަން ފާހަގަ ކުރައްވައި ހަސަން ލަތީފް ވިދާޅުވީ، މިހާރު އޮތް ގޮތަށް 93 ގޮނޑިއަށް ވާދަ ކުރަންވެސް މަސަކަތް ކުރާނެ ކަމަށެވެ.
"މިހާރު ވެއްޖެއްޔާ އެއީ 93 ގޮނޑި ކަމަށް އިއުލާނު ކުރައްވާފަ އެވަނީ އިލެކްޝަންސް ކޮމިޝަނުން. އެހެންވީމަ އޭގެ މާނައަކީ 93 ގޮނޑިއަށް ވާދަ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނެ ވާހަކަ" ހަސަން ލަތީފް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެމްބަރުން އިސްނަގައިގެން އުފައްދާފައިވާ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގައިވެސް ޥާދަކުރިއެވެ. އަދި އެ ޕާޓީން ވަނީ، މާލޭ މޭޔަރު ކަމަށް ކެނޑިޑޭޓަކު ނެރޭނެ ކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް