ޑްރަގާއި ގޭންގު އަދި ޖިނާޢީ ކުށްތަކުން ޒުވާނުން ދުރު ކުރުމުގެ މަސައްކަތުގެ ނަތީޖާ އެބަ ފެނޭ: ރައީސް

ޒުވާނުން މަސްތުވާތަކެއްޗާއި ގޭންގު އަދި ޖިނާޢީ ކުށްތަކުން ދުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަން ފަށައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު ވިދާވެއްޖެ އެވެ. އެމަނިކުފާނު މިހެން ...

23 Oct 2022 | 18:40

ޒުވާނުން މަސްތުވާތަކެއްޗާއި ގޭންގު އަދި ޖިނާޢީ ކުށްތަކުން ދުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަން ފަށައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު ވިދާވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ އިނާމް ދިނުމަށް މިރޭ، ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްތުވާތަކެތިން ދިވެހި ރައްޔިތުން ދުރުކުރުމަށް ވެސް ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށްޓަވައިފައި ކަމަށެވެ. އަދި ގޭންގު ކުށްތަކާ ދެކޮޅަށް ވެސް ވަރަށް ރޭވުންތެރިކަމާއެކު ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެ ދެ މައްސަލައަށް މަގުފަހިކުރާ ކަންކަމުގެ ތެރޭގައި މަތީ ތަޢުލީމުގެ ފުރުސަތުތައް މަދުވުމާއި، ވަޒީފާގެ ފުރުޞަތުތައް މަދުވުން ހިމެނޭ ކަމަށެވެ.

އެހެންވެ، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ މަގު ފަހިކޮށްދެއްވުމާއި، ސަރުކާރުގެ ކުންފުނިތައް މެދުވެރިވެގެން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަކީ، ސަރުކާރުން އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށާއި، އެފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ޒުވާނުންނަކީ، ނަފްސާނީ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، މިޖަލްސާގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ހުށައެޅުއްވި، ދިރާސާގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، އެދިރާސާގައި ޒުވާނުންނާ ބެހޭ ގޮތުން ޙައްލު ހޯދަންޖެހިފައިވާ ވަރަށް ގިނަ ކަންތައް ފާހަގަކުރައްވާފައިވާ ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި ވިދާޅުވީ، އެދިރާސާގައި ފާހަގަކޮށްފައިވާ މުހިއްމު ދެމައްސަލައިގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށްތަކާއި ޖިނާޢީކުށްތަކަށް ޒުވާނުން އަރައިގަންނަ މައްސަލައަކީ، އިޖްތިމާޢީ އެތައް ކަމަކާ ގުޅިފައިވާ، ވަށައިޖެހޭ ޙައްލަކަށް ބޭނުންވާ ދެ މައްސަލަކަމަށެވެ.

މިއަހަރު ޒުވާނުންގެ އެވޯޑް ހާޞިލްކުރި ޒުވާނުންނަށް، މިޖަލްސާގައި އެވޯޑް ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މިއަހަރުގެ ޒުވާނުންގެ އެވޯޑް ލިބިފައި ވަނީ 10 ޒުވާނުންނަށެވެ.

މީގެ އިތުރުން މި ޖަލްސާގައި ވަނީ، ރާއްޖޭގެ ޒުވާނުންނާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ހެދި ދިރާސާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙްކޮށްދެއްވާފައެވެ. މިޖަލްސާގައި މި ދިރާސާ ރިޕޯޓް ހުށައަޅުއްވައި ދެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒެވެ.

ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި 2020 ވަނަ އަހަރުންފެށިގެން ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރުމަހުގެ 22 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް