ބޭނުންވަނީ މުޒާހަރާ ކުރާކަށް ނޫން، ހައްލު ހޯދަން: އަރަބިއްޔާ ބެލެނިވެރިން

ރާއްޖޭގައި ޢަރަބި-އިސްލާމް މީޑިއަމްއަށް ތައުލީމު އުނގަންނައިދޭ ހަމައެކަނި ސްކޫލް ކަމުގައިވާ މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅޭގޮތުން އެ ސްކޫލްގެ ޕީޓީއޭގެ ބ...

23 Oct 2022 | 17:35

ރާއްޖޭގައި ޢަރަބި-އިސްލާމް މީޑިއަމްއަށް ތައުލީމު އުނގަންނައިދޭ ހަމައެކަނި ސްކޫލް ކަމުގައިވާ މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅޭގޮތުން އެ ސްކޫލްގެ ޕީޓީއޭގެ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

އެގޮތުން ޢަރަބިއްޔާ ސްކޫލް ބޯޑާއި ޕީޓީއޭ ބެލެނިވެރިންގެ ފަރާތުން ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ޢަރަބިއްޔާ ސްކޫލަށް މާޒީގައި ކުރިމަތިވެފައިވާ އިހާނެތި ކަންތައްތަކުގެ މައްޗަށް ވަރަށް ތަފްސީލީގޮތެއްގައި ވާހަކަ ދައްކަވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޓީއޭގެ މެންބަރު އިބްރާހިމް ޢަބްދުﷲ ވަނީ އެ ސްކޫލުގެ މާޒީގައި ހިނގައިދިޔަ ކަންކަމާ ބެހޭގޮތުން އަލިއަޅުވައިލާފައެވެ. އެގޮތުން މަޖީދީމަގުގައި ކުރިން ހުރި ޢަރަބިއްޔާގެ ޢިމާރާތް ހަލާކުވުމުން އެތަނުގެ ކިޔެވުން މެދުކަނޑާލި ކަމަށާއި އޭގެ ސަބަބުން ތިން މަސްވަންދެން ކިޔަވަންދާނެ ތަނެއް ނެތިފައި ތިބި ކަމަށް އަދި އެކަމަށް ވަގުތީ ޙައްލެއް ލިބުނީ މަގުމައްޗަށް ނިކުމެގެން ކަމަށް ވެސް އިބްރާހިމް ބުންޏެވެ.

"ޢަރަބިއްޔާ ގެ އާ ޢިމާރާތް އަޅާނެކަމަށްބުނެ 1 އަހަރު ވަންދެން ތަފާތު އެކި ވާހަކަތައް ދެއްކި، ފަހުން އެނގުނީ އެތަނުގައި ފްލެޓެއް އަޅަން އުޅޭކަން. އާޢިމާރާތެއް އޭރުގެ ސަރުކާރުން އަޅަން އެއްބަސްވީ އަނެއްކާވެސް މަގުމައްޗަށް ނިކުތުމުން." އިބްރާހިމް ބުންޏެވެ.

އޭގެ ފަހުން ޗާންދަނީ މަގުގައި (ކުރިން އަމީނިއްޔާ ސްކޫލް އެނެކްސްގެ އިމާރާތް) ޢަރަބިއްޔާ ސްކޫލް ކަމުގައި ހެދިއެވެ. ނަމަވެސް އެ ސްކޫލުގެ ގިނަ ތަނބުތަކެއްގައި ރެނދުލައި، އެ އިމާރާތައް ލިބެމުން ދިޔަ ގެއްލުންތައް ޙައްލު ނުކުރެވި ގިނަ ދުވަސްތަކެއް ފާއިތުވުމުން ވެސް ޢަރަބިއްޔާ ސްކޫލުގެ ގިނަ ބެލެނިވެރިން އެކަމާ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ އެކި މުއައްސަސާތަކުގެ ވެރިންނާ ބައްދަލު ކުރިކަމަށާއި ނަމަވެސް ޙައްލެއް ނުލިބުލުން އެކަމާ މަގުމައްޗަށް ނުކުމެ އަޑު އުފުލި ކަމަށް މިއަދުގެ ބައްދަލުވުމުގައި ޕީޓީއޭ ބެލެނިވެރިން ބުންޏެވެ.

ޗާންދަނީމަގުގައި ހުރި ޢަރަބިއްޔާގެ ޢިމާރާތުގެ ގިނަ ތަނބުތަކެއްގައި ރެނދުލާ، ގެއްލުންވަމުން ދިޔައިރު އެތަންތަން މަރާމާތު ނުކޮށް ތިން އަހަރު ފާއިތުވީ ފަހުން، އެކަން ސަރުކާރުގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިޔާއަށް އެތަންތަނުގެ ފޮޓޯތައް ލީކުވުމުން ކަމަށާ، ނަމަވެސް އަދިވެސް އެތަންތަން މަރާމާތު ނުކޮށް ހަލާކުވާން ދޫކޮށްލެވިފައިވާކަން ވެސް މިއަދުގެ ބައްދަލުވުމުގައި ފާހަގަ ކޮށްފައިވެއެވެ.

އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތުމުން، ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ދެން ސަރުކާރުން ވަގުތީ ގޮތުން ބަދަލު ކުރީ ކުރީގެ ފޮރިން މިނިސްޓްރީ ހުރި އިމާރާތަށެވެ. އަދި އެކަމަށް ދާއިމީ ހައްލެއް ހޯދައި ދިނުމުގެ ގޮތުން ބާ ޖަމާލުއްދީން އިމާރާތް ޢަރަބިއްޔާ ސްކޫލަށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިން މުޙައްމަދު ޞާލިޙް އެއިރު ވިދާޅުވިއެވެ.

"މިހާރު ވަގުތީ ގޮތުން ޢަރަބިއްޔާ ދަރިވަރުން ކިޔަވަމުންދާ ޢިމާރާތަކީ ކުރީގެ ފޮރިން މިނިސްޓްރީ ހިންގެވި އޮފީސް ޢިމާރާތެއް. އެތަނަކީ ވަށައިގެން ބެދި ، ދަރިވަރުންނާއި ޓީޗަރުން ހެލިފެލިވެ އުޅެން ދަތި ތަނެއް. އެތަނުގައި ދަރިވަރުންނަށް ޕީއީ ވެސް ނުކުޅެވޭ" މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޢަރަބިއްޔާ ސްކޫލުގެ ޕީޓީއޭ މެންބަރު ޔޫސުފް ވިދާޅުވިއެވެ.

އެ އިމާރާތުގައި އެސެމްބްލީ އާއި، ޖަލްސާތައް ބާއްވާނެ އެކަށޭނެ ޖާގައެއް ނެތުމާއި، ސެޝަން ނިމިގެން ދަރިވަރުން ބަލައި އަންނަ ބެލެނިވެރިންނަށް ކުދިން ދޫކުރެވެނީ ހަނި ދޮރާއްޓަކުން ކިޔޫޖެހިގެންކަން ވެސް ޔޫސުފް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ލައިބްރަރީއާއި، ލެބޯޓަރީގެ ޚިދުމަތްވެސް ދަރިވަރުންނަށް ނުލިބޭކަން ވެސް ފާހަގަ ކުރެއްވިއެވެ.

ޢަރަބިއްޔާ ސްކޫލުގެ ޕީޓީއޭ މެންބަރުން މިއަދު އެންމެ ބޮޑަށް ހިއްސާ ކޮށްފައިވާ އެއް ކަންބޮޑުވުމަކީ، އެ ސްކޫލުގެ ދަރިވަރުންނަށް ތަޢުލީމު އުނގަންނައި ދިނުމަށް ބާ ޖަމާލުއްދީން ސްކޫލް ދޭނެ ކަމަށް ބުނުމަށްފަހު، މިހާރު އެތަނުގެ ބައެއް ޖަމާލުއްދީން ސްކޫލަށް ވެސް ދޭން ސަރުކާރުން ނިންމާފައި އޮތުމެވެ. އެގޮތުން ޖަމާލުއްދީން ސްކޫލަށް 35 ކްލާސްރޫމް އަދި ޢަރަބިއްޔާ ސްކޫލަށް 40 ކްލާސްރޫމް ދޭން ނިންމާފައިވާ ކަމަށް މިއަދުގެ ބައްދަލުވުމުގައި ބެލެނިވެރިން ފާހަގަ ކޮށްފައިވެއެވެ. އަދި މިއީ ޢަރަބިއްޔާ ސްކޫލަށް އެ ބިން ދޭނެ ކަމަށް ކުރިން ބުނިއިރު، ކުރިން ބުނެފައިވާ ވާހަކައެއް ނޫންކަން ވެސް އެ ބެލެނިވެރިން ފާހަގަ ކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ވީ ވައުދު މިދަނީ ހުވަފެނަކަށް ވަމުން. އަޅުގަނޑުމެން ޢަރަބިއްޔާ ސްކޫލުގެ ހައްޤުގައި މަގުމައްޗަށް ނިކުންނަނީ މުޒާހަރާކޮށް ހަމަނުޖެހުމެއް ހިންގާކަށް ނޫން، ދަރިވަރުންނަށް ދިމާވާ މިފަދަ ދަތިތަކަށް ހައްލެއް ހޯދައިދޭން" ޕީޓީއޭ މެންބަރު އައިޝަތު ޝާދިޔާ މިއަދުގެ ބައްދަލުވުމުގައި ބުންޏެވެ.

ޖަމާލުއްދީން ސްކޫލާއި ހިއްސާވާ ގޮތަށް ބާ ޖަމާލުއްދީން އިމާރާތުގައި ޢަރަބިއްޔާ ސްކޫލު ހިންގުމުގައި ދިމާވެދާނެ ދަތިތަކާ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބައްދަލު ކޮށްލަން އެދި ރައީސް އޮފީހަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް ލީ އެއްވެސް ސިޓީއަކަށް މިހާތަނަށް ޖަވާބެއް ލިބިފައި ނުވާކަން ވެސް ބެލެނިވެރިން ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް