މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކުރިއަށް ގެންދަން ރާވާފައިވާ އޮޕަރޭޝަން "ހޭހަން" ގެ ރިފްރެޝަރ ޕްރޮގްރާމް ސީނީއަރ ރޭންކްތަކުގެ އޮފިސަރުންނަށް މިއަދު މާފުށީ ޖަލުގައި ކުރިއަށް ގެންގޮސްފިއެވެ.
އޮޕަރޭޝަން "ހޭހަން" އަކީ ޖަލުގައި ތިބި ޤާއިދީންނާއި ބަންދުމީހުންގެ ތެރެއިން ސްޕެޝަލިސްޓުންނަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ މީހުން ތިބުމާއި އެކު، އެމީހުން ސްޕެޝަލިސްޓުންނަށް ދެއްކުމަށާއި، ޖަލުގައި ދެވެން ނެއް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ނުވަތަ އެނޫންވޭސް ސިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް ގެންގޮސްގެން ދިނުމަށް ހިނގޭ ޚާއްސަ އޮޕަރޭޝަނެކެވެ.
މިއޮޕްރޭޝަން ފެށުމަށް ހަމަޖެހިފައިވަނީ 29 އޮކްޓޯބަރ 2022 ވަ ހޮނިހިރު ދުވަހުއެވެ.
މި އޮޕަރޭޝަންގައި ހިމެނޭ އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ޚާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ޤާއިދީންނާއި ބަންދުމީހުން ހަދަންޖެހޭ ތަފާތު އެކި ޓެސްޓުތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ހަމައަށް ޖަލުން އެސްކޯޓްކޮށް އެ ޚިދްމަތް ލިބޭނެ މަގުފަހި ކޮށްދިނުން ކަމަށް ކަރެކްޝަންސް އިން ބުނެފައިވެއެވެ.
މެޑިކަލް ޓީމް ހިމަނައިގެން މި އޮފަރޭޝަންގައި ބައިވެރިވާ އޮފިސަރުން ބެހިފައިވަނީ ޖުމްލަ އަށް ޓީމަކަށެވެ.
ކަރެކްޝަންސް އިން ބުނީ، މިއޮޕަރޭޝަންގައި ބައިވެރިވާނީ މައިގަނޑު ގޮތެއްގައި ހުރިހާ ކޮމިޝަންޑު އޮފިސަރުންނާއި ފަސްޓް ކްލާސް ޕްރިޒަން އޮފިސަރުންގެ މަތީ ރޭންކު ތަކުގެ އޮފިސަރުން ކަމަށެވެ. މީގެ އިތުރުން އޮޕްރޭޝަން ހިންގުމަށް އެހެން ރޭންކްތަކުގެ އޮފިސަރުންނާއި މުވައްޒަފުން އެހީތެރިވާނެ ކަމަށާއި މި އޮޕްރޭޝަންގައި ސީނިއަރ މެނޭޖްމަންޓް ބައިވެރިކުރުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދު މީހުން އެސްކޯޓު ކުރުމުގައި ހުރި ދަތިތައް ދެނެގަތުމާއި އެކު ނިޒާމީ ސިފައެއްގައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި އަދި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ކުރުން ކަމުގައި ވެސް ކަރެކްޝަންސް އިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް