އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، ފޮތެއް ލިޔެގެން ދުނިޔޭގެ މަޝްހޫރުކަން ހޯދި ސަލްމާން ރުޝްދީއަށް ވަޅިން ދިން ހަމަލާތަކާއި ގުޅިގެން އޭނާއަށް ލިބުނު ގެއްލުންތައް ސިއްރު ކޮށްފައި އޮތުމަށްފަހު ހާމަކޮށްފި އެވެ.
އޭނާއަށް ހަމަލާދިނީ މިދިޔަ އޮގަސްޓު 12 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯގައި އޮތް މައުރަޒެއްގައި ވާހަކަ ދެއްކުމަށް ސްޓޭޖަށް އަރާ ހުއްޓަ އެވެ. މާސްކެއް އަޅައި ކަޅު ހެދުމެއް ލައިގެން ހުރި އެމީހާ ދިން ހަމަލާގައި ސަލްމާންގެ މޫނާއި މެޔާއި ކަރަށް 12 ފަހަރު ވަޅި ހަރައި ބަނޑަށްވެސް ވަޅި ހަރާފައިވެ އެވެ.
ސަލްމާންގެ އެޖެންޓު އެ ދުވަސްވަރު ބުނެފައިވަނީ މި ހަމަލާގައި އޭނާގެ އެއް ލޮލުގެ ފެނުން ގޮސްދާނެ ކަމަށް ބެލެވޭ ކަމަށާއި ފުއްޕާމެއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ. އެކަމަކު އޭގަ ފަހުން އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
އިއްޔެ ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއެއްގައި ސަލްމާންގެ އެޖެންޓު ބުނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި ގުޅިގެން އޭނާގެ އެއް ލޮލުގެ ފެނުން ގޮސްފައިވާ ކަމަށެވެ. އަދި ކޮނޑު ހުޅާއި ގުޅިފައިވާ އަތުގެ ބައެއް ނާރުތައް ބުރިވެފައިވާތީ އެއް އަތް ވާގިނެތިފައިވާ ކަމަށެވެ.
މީގެ އިތުރުންވެސް މެއަށާއި ކަރަށް އަދި މޫނަށްވެސް އަނިޔާވެފައި ހުރި ކަމަށް ބުންޏެވެ. ފުއްޕާމޭގައި 15 ތަނަކަށް ފުން ޒަހަމްތަކެއް ލިބުނު ކަމަށް ބުނެފައިވެ އެވެ. އެޖެންޓު ވަނީ މިހާރު ސަލްމާން އޮތް ތަނެއް ބުނެދޭން ދެކޮޅު ހަދާފައި އެވެ. އެއީ ރައްކަލަކަށްޓަކައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެވިދާނެ ކަމަސް އެޖެންޓު ބުނެފައިވެ އެވެ.
ސަލްމާނަށް ހަމަލާ ދިނުމުގެ ކުށުގައި ނިއުޔޯކް ފުލުހުން އެ ދުވަހު ހައްޔަރު ކުރީ އުމުރުން 24 އަހަރުގެ ހާދީ މާތަރް ކިޔާ މީހެކެވެ.
އިސްލާމް ދީނާއި ދެކޮޅު “ދަ ސާތާނިކް ވާސަސް” ފޮތް އޭނާ ލިޔުނީ 1988 ވަނަ އަހަރު އެވެ. އުމުރުން މިހާރު 72 އަހަރުގެ ސަލްމާން އެ ފޮތް ލިޔުމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން އޭނާ މަރަން ޖެހޭ ކަމަށް ގޮވާލަން ފެށުމުން އުޅެމުން ދިޔައީ ވަރަށް ސިއްރު ދިރިއުޅުމެކެވެ.
ސަލްމާން ރުޝްދީއަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް