އެމީހާގެ އަތުގެ ހޫނު އެތިފަހަރެއް އިޒްވާގެ ކޯތާފަތަށް އަރައިގެން ދިއުމާއެކު އޭނާގެ އަޑު ކެނޑިއްޖެއެވެ. ބޮލަށް އެނބުރުން އެރީއެވެ. އިތުރަށް ހަޅޭއްލަވާނެ ހިތްވަރު ނެތުނީއެވެ. އެމީހާގެ އަތުގެ ބީހުންތައް އިހުސާސްވާން ފެށުމާއެކު އިޒްވާގެ ހިތަށް އިންތިހާއަށް އަސަރުކުރިއެވެ. ދެލޮލުން ކަރުނަ އޮހެންފެށީ އިޙްތިޔާރަކާނުލައެވެ. ކުރެވުނު ހަމައެކަނި ކަމަކީ ސަލާމަތްކޮށްދިނުމަށް އެދި ހިތާހިތުން ﷲގެ ހަޟްރަތަށް ދުއާ ދެންނެވުމެވެ. ހިތްވަރުކޮށްފައި އިޒްވާ އޭނާގެ އަތް ހަރަކާތް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އޭނާގެ އަތް މަޑުމަޑުން ގެންދިޔައީ ސައިޑް ކަބަޑާ ދިމާލަށެވެ. އެހާ ގިނައިރު މަސައްކަތް ކުރާކަށް ނުޖެހުނެވެ. ފަސޭހަ ކަމާއެކު ސައިޑް ކަބަޑު މަތީގައި ހުރި ބިއްލޫރި ތަށީގައި އަތް ޖެހިއްޖެއެވެ. ހަށިގަނޑަށް ލެވުނު ހާ ބާރެއް ލަމުން ތަށިން އެމީހާގެ މޫނުމަތީގައި ޖަހައިފިއެވެ. އެހިނދު އެމީހާގެ ކަރުތެރެއިން ވޭނީ އަޑެއް ނިކުތެވެ. އިޒްވާގެ ގައިމަތިން އެމީހާ އެއް އަރިއަކަށް ވެއްޓިއްޖެއެވެ. އިޒްވާ ފުންމައިގެން އެނދުން ތެދުވިއެވެ. އެހިނދު ބޮލަށް އެނބުރުން އަރާފައި ހުރިވަރުން އިޒްވާ އަރިއަޅައިލިއެވެ. ހިފަހައްޓައިލެވުނީ މާދުރު ނޫން ހިސާބެއްގައި ހުރި އަލަމާރީގައެވެ. އެމީހާ ތެދުވެގެން ދުއްވައިގަތްތަން އިޒްވާއަށް ފެނުނެވެ. އަލަމާރީގައި ލެގިލައިގެން ހުރެ ފުންނޭވާތަކެއް ލަމުން އިޒްވާ މަޑުމަޑުން ތިރިވެ އިށީނެވެ. އެއާއެކު އޭނާއަށް ރޮވިއްޖެއެވެ. އަޅާލާނެ ފިރިއެއް ކައިރީގައި ނެތުމުގެ އަދަބަކީ މިއީ ހެއްޔެވެ؟ އެކަނިވެރި އަންހެނުންނަށް ހަމަޖެހިގެން ދިރިއުޅުމުގެ ހައްޤު ނެތީބާއެވެ.؟ ބައެއް ފިރިހެނުން އަންހެނުންނާ މެދު މިފަދަ ދަށު ދަރަޖައިގެ ނަޒަރުން ދުށުން ހުއްޓާލާނެ ދުވަހެއް އަންނާނެބާއެވެ.؟ މިފަދަ އެތައް ޝަކުވާއެއް އިޒްވާ ހިތާހިތުން ކުރަމުން ދިޔައެވެ. ކައިސަން މަތިން ހަނދާންވާން ފެށީ އިންތިހާއަށެވެ. ކައިރީގައި ހުރި ނަމައޭ ހިތަށް އެރިއެވެ. އެގޮތުގައި އެތައް އިރަކު އެތަނުގައި ރޯން އިނުމަށްފަހު މަޑުމަޑުން ތެދުވިއެވެ. އެހިނދު މަރިޔަމް މަތިން ހަނދާންވީ ކުއްލިއަކަށެވެ. އެމީހަކު މަރިޔަމްއަށް ކަމެއް ކޮށްފާނެއޭ ހިތަށް އެރުމާއެކު ބިރުން ތެޅިގަނެވުނެވެ. ކޮޓަރިން ނިކުންނަން ދުއްވައިގަނެވުނެވެ. ދޮރާ ހަމައަށް ގޮސްފައިވެސް ހުއްޓުނެވެ. އަނެއްކާވެސް ހަމަލާއެއް އައިސްދާނެތީއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ކުރިއަށް ހިނގައިގަތެވެ. މަރިޔަމްއަށް ކަމެއް ވެއްޖިއްޔާ އޭނާގެ އަމިއްލަ ނަފްސަށް ދުވަހަކުވެސް މާފެއް ނުކުރެވޭނެއެވެ.
ތެޅި ތެޅި އޮތް ހިތަކާއެކު މަރިޔަމްގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އަރާމު ނިންޖެއްގައި އޮތް މަރިޔަމް ފެނުމުން ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އަލުން ދޮރު ލައްޕައިލުމަށްފަހު ބަލައިލީ ގޭގެ ބޮޑު ދޮރާ ދިމާލަށެވެ. ހުޅުވާފައި ހުރި ދޮރާ ދިމާލަށް އިޒްވާ ދިޔައީ އެމީހާ ގޭގައި ނެތްކަން ޔަގީންވުމުންނެވެ. ދޮރު ކައިރިއަށް ގޮސް ބަލައިލީ ތަޅަށް އެއްވެސް ގެއްލުމެއް ދިފައި ހުރިތޯއެވެ. އެމީހާ ވަނީ ތަޅު ހަލާކުކޮށްލައިގެން ކަން އިޒްވާއަށް ކުރިން ހީވި ހީވުން އެއީ ގޯސް ހީވުމެއްކަން އެނގުނީ ތަޅުވެސް އަދި ތަންޑުވެސް ރަނގަޅަށް ހުރުމުންނެވެ.
އެއީ ކާކުބާއެވެ. އަދި އެމީހާ ގެއަށްވަނީ ކިހިނެއް ހެއްޔެވެ. ހަމަގައިމުންވެސް ގެއަކީ ކުޑަދޮރެއްވެސް ހުންނަ ގެއެއް ނޫނެވެ. ކުޑަދޮރެއް ހުއްޓަސް ހުންނާނީ ބަދިގޭގައެވެ. ނަމަވެސް އިޒްވާ ބަދިގެއިން ނިކުންނަމުން އެތަނުގައި ތަޅުލި ހަނދާންވެއެވެ. އަދި ބޮޑުދޮރުވެސް ރަނގަޅަށް ތަޅުލި ހަނދާން އެބަހުއްޓެވެ. ބޮޑުދޮރުގައި ތަންޑުވެސް އެޅުވި ހަނދާން ރަނގަޅަށް އެބަހުއްޓެވެ. ކައިސަން ދުނިޔޭގަވެސް އަބަދުވެސް ނިދަން ދިއުމުގެ ކުރިން ބޮޑު ދޮރު އަދި ބަދިގޭގައި ތަޅުލުމަށް ބުނެފައިވެއެވެ. އިޒްވާ ގޮސް ބަދިގޭ ދޮރުގެ ތަޅުގައި ހިފާލީ ތަޅުލާފަތޯ ޔަގީން ކޮށްލުމަށެވެ. އިޒްވާ ހީކުރިގޮތާ އެއްގޮތަށް ބަދިގޭ ދޮރުގައި ހުރީ ތަޅުލާފައެވެ. ދެން އޮތީ އެންމެ ގޮތެކެވެ. އެމީހަކު ވަނިއްޔާ ވަނީ ގޭގެ ބޮޑުދޮރުންނެވެ. ގޭގެ ބޮޑުދޮރުގެ ތަޅުދަނޑި އޮންނާނީ އިޒްވާގެ އިތުރުން ނަދީމާ އަތުގައެވެ. ދެން އެހެންވިއްޔާ އެމީހާ ވަނީ ތަޅުހަލާކުކޮށްލާފައޭ ހިތަށް އެރުމުން އަނެއްކާވެސް އިޒްވާ ގޮސް ތަޅުވެސް ޗެކް ކުރިއެވެ. ނަމަވެސް ތަޅުހުރީ ހަމަ ރަނގަޅަށެވެ. ދެން އެހެންވިއްޔާ އެމީހާ އެވަނީ ކިހިނެއްހެއްޔެވެ. ވިސްނާ ވިސްނާވެސް އިޒްވާއަކަށް އެމީހާ ގެއަށް ވަންގޮތެއް ނޭނގުނެވެ.
އެކަނި ކޮޓަރީގައި އޮންނަން ބިރުން އިޒްވާ އޮތީ މަރިޔަމް ކައިރީގައެވެ. އުޅެ އުޅެ ވެސް އިޒްވާއަށް ނިދޭ ގޮތެއް ނުވިއެވެ. މިރޭ ދިމާވި ކަންތަކުން އިޒްވާ ވަނީ ބޮޑު ވިސްނުމެއްގެ ތެރޭގައެވެ. އަދިވެސް ލިބިފައިވާ ބިރުވެރިކަން ރަނގަޅަށް ފިލާނުދެއެވެ. އެވަރުގެ ކަމެއް ކުރަން ކެރޭނީ ކާކަށް ހެއްޔެވެ. އިޒްވާ އަކީ އެކަނި އުޅޭ އަންހެނަކަށް ވީމަ ހެއްޔެވެ. ނޫނީ އަންހެނަކަށް ވީތީ ހެއްޔެވެ. އަންހެނުނާ ދޭތެރޭ އެހާ އިހާނެތިކޮށް ކަންތައްކުރާއިރު ކީރިތި ޤުރުއާނުގައި އަންހެނުންނަށް ހާއްސަކޮށް ބޮޑު ސޫރަތެއް އޮންނަކަންވެސް ނޭނގެނީ ހެއްޔެވެ. އިސްލާމްދީނުގައި އަންހެނުނަށް އޮންނަ މަތިވެރި މަގާމް އެނގޭނަމަކަ އެހެނެއް ކަންތަކެއް ނުކުރާނެއެވެ. އެމީހަކު އެކުރީ ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ. އެއީ ކާކުކަން އެނގިއްޖެނަމަ އެމީހަކަށް ރަނގަޅު ފިލާވަޅެއް ދޭން ނިންމިއެވެ. ފުލުހުންނަށް ރިޕޯޓުކުރަން ހިތަށް އަރާފައިވެސް އެހިޔާލު ދޫކޮށްލިއެވެ. އޭރުންވެސް ބަދުނާމުވާނީ އޭނާއޭ ހިތަށް އެރުމުންނެވެ. ކޮންމެއަކަސް އެމީހަކަށް އިޒްވާ ހިތުން ދުވަހަކުވެސް މައާފެއް ނުކުރާނެއެވެ.
ހަތަރެއް ޖެހިއިރުވެސް އިޒްވާއަކަށް ނުނިދުނެވެ. މިރޭ މާބޮޑަށް ކައިސަން މަތިން ހަނދާންވަނީއެވެ. މިއަދު ކައިސަން ހުރިނަމަ މިހެނެއް ކަންތައް ނުވީހޭ ހިތަށް އަރަމުންދިޔައެވެ. ކައިސަންގެ ހިމާޔަތަށް އެދި ހިތް ރޮނީއެވެ. އެންމެފަހުން ނުނިދޭނެކަން އެނގުމުން ތެދުވެ ވުޟޫކޮށްގެން ނަމާދަށް އެރީ ހިތަށް ހަމަޖެހުމެއް ހޯދުމަށެވެ.
ފަތިސް ނަމާދުކޮށް ނިންމާލުމަށްފަހު އިރުއަރަންދެން ޤުރުއާން ކިޔަވާން އިނީ ދެންއިތުރަށް ނިދަން ބޭނުން ނުވާތީއެވެ. އޮފީހަށް ސަލާމް ބުނުމަށްފަހު މަރިޔަމް ތެދުވާން ވާއިރަށް ސައި ތައްޔާރުކޮށްލިއެވެ. އެއަށް ފަހު ފެންވަރާލައިގެން އައިސް މަރިޔަމް ފެންވެރުމަށްފަހު ކާންދިނެވެ. ވުޟޫކޮށްލައިގެން އައިސް ޤުރުއާނުގެ ތަރުޖަމާ ހިފައިގެން އައިސް މަރިޔަމް ކައިރީގައި އިށީނީ އަޑު ހަރުކޮށް މަރިޔަމް އަށް އިވޭ ވަރަށް އޭގައިވާ އާޔަތްތަކާއި މާނަ ކިޔައިދިނުމަށެވެ. މީ ކައިސަން ނިޔާވިފަހުން އިޒްވާ ގޭގައި ހުންނަ ދުވަހެއް ފަހުން މަރިޔަމްއަށް ކޮށްދޭ ކަމެކެވެ. އެހެނީ މިކަން ކުރުމުން މަރިޔަމްގެ މޫނުމަތިން ފެންނަމުންދާ ހިތްހަމަޖެހުމަކީ ބަޔާން ނުކުރެވޭނެ ފަދަ ހިތްހަމަޖެހުމެކެވެ.
ގޭ ދޮރުގައި ޓަކި ޖަހާ އަޑުއިވުނީ މިކަމުގައި މަޝްއޫލުވެ އުޅެނިކޮށެވެ. ފޮތްލައްޕާލަމުން މަރިޔަމް ކައިރިން ހުއްދަ ހޯދުމަށްފަހު އިޒްވާ ދޮރުހުޅުވަން ދިޔައެވެ. ބޮޑު ދޮރުގެ ތަޅުގައި ހިފާލުމާއެކު ހަނދާންވެގެން ދިޔައީ ރޭގެ ހާދިސާއެވެ. ހުޅުވަން ފަސްޖެހިފައި ހުރެވުނީ އަނެއްކާވެސް އެގޮތް ނޭނގޭ މީހާއަށް ވެދާނެތީއެވެ. އެހެން އިރުކޮޅަކު ހުރުމަށް ފަހު ހިތްވަރުކޮށްފައި ދޮރުހުޅުވީ ބޭރުން އައިދަންގެ އަޑު އިވުމުންނެވެ. އައިދަން ފެނުމުން ހީލާފައި އެތެރެއަށް ވަންނަން އުޅުނު ވަގުތު މަޑުޖެހެވުނީ އައިދަންގެ ނިތްކުރިމަތީގައި އަޅާފައިވާ މަލަން ގަނޑު ފެނުމުންނެވެ.
“އައިދަން ބޮލަށް ކިހިނެއްވީ” ޝައްކެއްގެ މަތީގައި ހުރެ އިޒްވާ އަހާލިއެވެ.
” އެއީ ސައިކަލުން ވެއްޓުނީ..” ނުގޮތަކަށް މިހެން ބުނަމުން އައިދަން އެތެރެއަށް ވަނެވެ. އަދި އަތުގައި ހުރި ތަރުކާރީ ކޮތަޅު މޭޒުމަތީގައި ބެހެއްޓިއެވެ.
” އިޒީ ބަލީތަ.. މިހެން މިއެހީ އޮފީހަށް ނުދާތީ” އައިދަން ސޯފާގައި އިށީންނަމުން ސުވާލުކޮށްލިއެވެ.
” ހުމްމްމް” އިޒްވާ ކުރުގޮތަކަށް ބުނުމަށްފަހު އައިދަން ގެނައި ތަރުކާރީތައް ވަކިކޮށް ފުރިޖަށްލުމުގައި މަޝްއޫލުވިއެވެ. އައިދަންއާއި ވާހަކަ ދައްކަން އިޒްވާއަށް އުނދަގޫވަމުން ދިޔައެވެ. ރޭގައި ގެއަށް ވަން މީހަކީ އައިދަންއޭ އިޒްވާގެ ހިތް ބުނަނީއެވެ.
" އަހަރެން ދެކެ ރުޅި އައިސްފަތަ؟ " އިޒްވާއަށް ބަލަހައްޓައިގެން ހުރެ އައިދަން އެހިއެވެ. އިޒްވާ ހަމައެކަނި ދެފަރާތަކަށް ބޯހޫރައިލިއެވެ. އައިދަންގެ ތޫނު ބެލުމުގެ ސަބަބުން އޭނާއަށް އުނދަގޫވަމުން ދިޔައީ އިންތިހާއަށެވެ.
“އިޒީ އާދެބާ މިތާ އިށީންނަން.. ވާހަކައެއް ދައްކާލަންވެގެން މިއައީ” އައިދަންގެ ޖުމްލައިން އިޒްވާ ހިސާބަކަށް ކަންބޮޑުވިއެވެ. އައިދަން ކައިރިއަށް ދިޔަނަމަވެސް ކައިރީގައި އިށީންނަން ފަސްޖެހުނެވެ.
” ކައިސަން އާއި ބެހޭގޮތުން.. އިޒީ... ކައި... ކައިސަން އެއީ އަސްލު އަހަރުމެން ހީކުރި ކަހަލަ މީހެއްނޫން” އައިދަން ޖުމްލައިން އިޒްވާއަށް ލިބުނީ އިތުރު ނުތަނަވަސް ކަމެކެވެ.
” އައިދަން ކީކޭ ކިޔަން ތިއުޅެނީ..” އިޒްވާ ނުރުހިފައި ބުންޏެވެ. އައިދަން ފުންނޭވައެއް ދޫކޮށްލިއެވެ. އަދި އިންތަނުން ތެދުވެ އިޒްވާ ކުރިމައްޗަށްވާގޮތަށް ހުއްޓުނެވެ.
” އިޒީ.. ކޮންމެވެސް އެއްދުވަހަކުން ހަގީގަތާ ކުރިމަތިލާން ޖެހޭނެ.. އަހަރެން މިބުނަން އުޅޭ ވާހަކައިން އިޒީ ވަރަށް ދެރަވާނެކަން އެނގޭ.. އެކަމަކު ކައިސަންގެ ހަނދާނުގައި އިޒީއަށް ކުރިއަށް ނުދެވިފައި ހުންނަތަން ބަލާކަށް އަހަރެންނަށް ނުހުރެވޭނެ.. އިޒީ ތިވާ ލޯބި އަސްލު ކައިސަންއަށް ޑިޒާވްއެއް ނުވޭ.. ރަނގަޅުވާނީ އިޒީ މޫވްއޮން ކުރިއްޔާ.. " އައިދަން ދައްކަމުން ދިޔަ ވާހަކައިން އިޒްވާއަށް އިންތިހާއަށް އުނދަގޫވަމުން ދިޔައެވެ.
" އައިދަން.. އަހަރެންނާ ތިގޮތަށް ވާހަކަ ނުދައްކާ.. ކައިސަންގެ ހަޤީޤަތް އައިދަންއަށް ވުރެ ބޮޑަށް އެނގޭނީ އަހަރެންނަށް.. އައިދަންގެ ނިޔަތާ މެދު އަހަރެންނަށް ޝައްކު.. " އިޒްވާ ހިތްހަމަނުޖެހިފައި ބުންޏެވެ.
" ކައިސަން އެއް އިރެއްގަވެސް އިޒީ ދެކެ ލޯތްބެއް ނުވޭ.. ޤަބޫލު ކުރިޔަސް ނުކުރިޔަސް އެއީ ހަޤީޤަތަކީ.. ” އައިދަން ޖުމްލައިން އިޒްވާއަށް ހީވީ ކަންފަތަށް ތޫނު އެއްޗެއް ހެރުނު ހެންނެވެ. އައިދަންގެ ކޯމަތީގައި އަތު ހުރިހާ ބާރެއްލާފައި ޖެހުނީ ބޭއިހްތިޔާރުގައެވެ. އައިދަންއަށް އަމިއްލަ ކޮލުގައި ފިރުމައިލެވުނެވެ. އައި ރުޅީގައި ގޯހެއް ހެދިދާނެތީ މުށްކަވައިލިއެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ޖީބުން ފޯނު ނަގާފައި އޭގެއިން ވީޑިއޯއެއް އަޅުވާލުމަށްފަހު އިޒްވާއަށް ދައްކާލިއެވެ. އައިދަންގެ ފޯނުން އަޅުވާފައި ހުރި ވީޑިއޯއިން ކައިސަން ފެންނަން ފެށުމުން އިޒްވާ ކައިސަން އަތުން ފޯނު އަތުލާ ކައިރިން ބަލާލީ ކައިސަންތޯ ޔަގީން ކުރުމަށެވެ. ވީޑިއޯ އިން ފެނިގެންދަނީ ކައިސަން އާއި އައިދަންއެވެ. އެމީހުން ވާހަކަދައްކަން ތިބީ ކައިސަންގެ ކެބިން ތެރޭގައެވެ. ކައިސަން ދައްކަމުން ދިޔަ ވާހަކައިން އިޒްވާގެ ހިތަށް އިންތިހާއަށް އަސަރު ކުރަމުން ދިޔައެވެ.
” އޭނަ ދެކެ އަހަރެން ލޯތްބެއް ނުވޭ.. މަޖުބޫރުވެގެން އިނީ.. މައިރާ އަހަންނާ އިންނަން އެއްބަސްވި ދުވަހަކުން އަހަރެން އޭނަ ވަރިކުރާނަން” ކައިސަންގެ އަނގައިން ބުނި މިޖުމްލަ އެތައް ފަހަރަކު އޮޅައިގެން އިޒްވާ ބެލީ ގަބޫލުނުކުރެވިގެންނެވެ. ނަމަވެސް އެހެން އެބުނަނީ ހަމަ އޭނަގެ ކައިސަންއެވެ.
“ނޫން.. އަހަންނެއް ގަބޫލެއް ނުކުރާނަން” އިޒްވާއަތުން ފޯނު ދޫވިއެވެ. އައިދަންއަށް ފޯނުގައި ހިފުނީ ހަމަ ކިރިޔާއެވެ. އޭރު އިޒްވާއަށް ރޮވެނީއެވެ. ދެންވެސް އައިދަން ވީޑިއޯ އަޅުވާފައި ދެއްކިއެވެ. އެވީޑިއޯއިން ފެނިގެން ދަނީ ކައިސަން އާއި އަންހެން ކުއްޖަކާ ގައިގޯޅިވާ މަންޒަރެކެވެ. އައިދަންގެ އަތުތެރޭގައި އެއަންހެންކުއްޖާ ގެންގުޅޭ ގޮތުން އެއީ ވަރަށް އޭނާއަށް ވަރަށް ޙާއްސަ ކުއްޖެއްކަން އެނގިގެންދެއެވެ.
" އަދިވެސް ޤަބޫލެއް ނުކުރާނަންތަ؟ ވީޑިއޯއިން ތިފެންނަނީ އަސްލު ކައިސަންގެ ލޯބިވެރިޔަކީ.. އޭނާގެ ނަމަކީ މައިރާ.. މައިރާ ކިޔަވާ ނުނިމޭތީ ކައިސަންއަށް އޭނާއާ ކައިވެނި ނުކުރެވިގެން އުޅުނީ.. އިޒީ ކައިރީ މިވާހަކަ ބުނަން ވަރަށް ބޭނުންވި.. އެކަމަކު އެހިތްވަރެއް ނުލިބުނު.. އިޒީ ދެރަވާނެވަރު ހިތަށް އަރުވާލާފައި ނުކެރުނީ.. އިޒީއަށް ނޭނގުނަސް އޮފީސް ދަތުރޭ ކިޔާފައި ގޮސް ހޭދަކުރަނީ މައިރާ ކައިރީގައި.. މިދެމީހުން އެއްކޮޓަރީގެ އެއް އެނދުގައި ވަނިކޮށް އަހަރެންގެ މިދެލޮލުން ދުށިން.. " އައިދަން ވާހަކަތަކުން އިޒްވާއަށް ލިބެމުން ދިޔަ ހިތްދަތިކަން ދިޔައީ އިތުރުވަމުންނެވެ.
" ދެން ހެޔޮ!! ހުއްޓާލާ އައިދަން.. ހުއްޓާލާ!! " ކެތްތެރިކަން ކޮޅުންލާ އިޒްވާއަށް ބުނެވުނެވެ. ދުވަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އިޒްވާގެ ކޮޓަރިއާ ދިމާލަށް ބަލަން ހުރުމަށްފަހު އައިދަން އޭނާގެ އަތުގައި އޮތް ފޯނު ޖީބަށްލިއެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ހިނގައިގަތީ މަރިޔަމްގެ ކޮޓަރިއާ ދިމާލަށެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް ގެނެސްދިނުން ލަސްވިކަމަށްޓަކައި، ލިޔުންތެރިޔާ އަދި ނޫހުގެ ފަރާތުން ކިޔުންތެރިންގެ ކިބައިން މައާފަށް އެދެން. ވާހަކައިގެ އާ ބައެއް، އިންޝާﷲ، 24 އޮކްޓޯބަރ ވާ ހޯމަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް