އޮންލައިން ނޫސް "ވަގުތު" ގެ މުވައްޒަފަކަށް ފުރައްސާރަ ކުރާ ކަމަށްބުނެ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.
ވަގުތުން ނެރުނު ބަޔާނެއްގައި ބުނީ އެ މެމްބަރަކީ މުހައްމަދު ޝާފިއު ކަމަށެވެ. ވަގުތުން ތުހުމަތު ކޮށްފައިވާ ގޮތުގައި ޝާފިއު ވަނީ އެކި ދުވަސް މަތިން އެ އަންހެން މުވައްޒަފަށް މެސެޖުކޮށް، ފުރައްސާރަކޮށްފައި އެވެ. މިކަން ފެށުނީ ދާދި ފަހުން ދިވެހި ނޫސްވެރިން ރާއްޖެއިން ބޭރަށް ތަމްރީން ހޯދުމަށް ކުރި ދަތުރަކަށް ފަހު އެވެ.
އެ ދަތުރުގައި ޝާފިއު އާއި އެ މުވައްޒަފު ބައިވެރިވި ކަމަށް ބުނެފައިވެ އެވެ. އެއީ ނޫސްވެރިންތަކެއް އިންޑިއާއަށް ކުރި ދަތުރެކެވެ.
އެ ނޫހުން ބުނީ ޝާފިއުގެ މައްސަލަ ފުލުހަށް ހުށަހަޅަން ނިންމީ ޖިންސީ ފުރައްސާރަ އާއި ގޯނާކުރުން މަނާކުރާ ގާނޫނު"ގެ ދެވަނަ މާއްދާގެ (ހ) އާއި (ށ) އާއި ހަވާލާދީ ކަމަށެވެ.
މި މައްސަލައިގަ "ދުވަސް" އަށް މައުލޫމާތު ދެއްވަމުން އެމްއެމްސީގެ ރައީސް މުހައްމަދު ޝަފާއު ވިދާޅުވީ މެމްބަރާއި ގުޅޭ އެފަދަ އެއްވެސް މައްސަލައެއް އެ ކައުންސިލަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ވަގުތުން، މައްސަލަ ފުލުހަށް ހުށަހަޅާކަން އެނގިފައިވެސްނުވާ ކަމަށެވެ.
ޝަފާއު ވިދާޅުވީ އެމްއެމްސީގެ ކޮންމެ މެންބަރަކަށްވިޔަސް އެފަދަ ތުހުމަތެއް ކުރެވޭނަމަ ފުލުހަށް ދިއުމުގެ ހައްގު ކޮންމެ ނޫސް އިދާރާއަކަށްވެސް އޮންނާނެ ކަމަށެވެ. އަދި އެ މައްސަލަ ކައުންސިލަށް ހުށަހަޅައިފި ނަމަ ބަލާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ދުވަސް" އަށް ވަނީ ވަގުތުގެ މުވައްޒަފާއި ޝާފިއު ކޮށްފައިވާ ކަމަށް ބުނާ މުއާމަލާތްތަކުގެ ބައެއް ސްކްރީން ޝޮޓްތައް ލިބިފައި އެވެ. އޭގެން އެނގޭ ގޮތުގައި ދެމީހުންގެ ދެމެދުގައި ވާހަކަތަކެއް ދެކެވިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް