ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި ފަތުހުﷲ އާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވަނީ ގުރައިދޫ ކޯޓަށް ހުށަހެޅު މައްސަލައެއްގެ އަޑުއެހުންތައް ޖިނާއީ އިޖުރާތުގެ ގާނޫނާއި ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގަވައިދުގައިވާ ގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.
އެ މައްސަލަ ތަހުގީގު ކުރަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އަދި އެކަމަށްޓަކައި ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
ފަނޑިޔާރުންނާ ގުޅޭގޮތުން މިފަދައިން ޖޭއެސްސީއަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްފަހު، ބައެއް ފަޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައެވެ. އެފަދައިން މައްސަލަ ހުށަހެޅުމުން ބައެއް ފަނޑިޔާރުން އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ވެސް ދެއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް