ރާއްޖޭން ވިސްނުން ބަދަލުކުރީ ޗާގޮސްގެ މިނިވަންކަމާ މެދުގައި، އިމުގެ މައްސަލާގައި ނޫން: މިއުވާން

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބައެއް، ޗާގޮސްގެ ސަރަހައްދަށް ވަންނަ ކަމަށް މޮރިޝަސް އިން ބުނާ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިޔަށްދާ މައްސަލަ އާއި...

23 Oct 2022 | 08:45

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބައެއް، ޗާގޮސްގެ ސަރަހައްދަށް ވަންނަ ކަމަށް މޮރިޝަސް އިން ބުނާ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިޔަށްދާ މައްސަލަ އާއި ޗާގޮސްގެ މިނިވަން ކަމާއި މެދު ވިސްނުން ބަދަލު ކުރުމަކީ ދެ މައްސަލައެއް ކަމަށް ސަރުކާރުން ބުނެފި އެވެ.

މައްސަލަގައި ބަހުސް ކުރެވެން ފެށީ ސަރުކާރުން ވިސްނުން ބަދަލުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް މޮރިޝަސްއަށް ދޭން އުޅޭކަމަށް ބުނެ އެވެ. ސިޔާސީ ފަރާތްތަކުން ދަނީ ރާއްޖޭގެ ކުޑަ ތަންކޮޅެއްވެސް ދޫކޮށްގެން ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރުމުގެ ކުރިން ރައްޔިތުންގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ބުނަމުންނެވެ.

މި މައްސަލައިގަ މިއަދު ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ. ރާއްޖޭން ވިސްނުން ބަދަލުކުރީ ޗާގޮސްގެ މިނިވަންކަމާ މެދުގައި ކަަމަށާއި އިމުގެ މައްސަލާގައި ނޫންކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ދެކުނުން، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ބައެއް ޗާގޮސްގެ ސަރަހައްދަށް ވަންނަކަމަށް މޮރިޝަސްއިން ބުނާ މައްސަލައިގަ އިޓްލޮސްގައި ދިވެހިރާއްޖެއިން ނަގާފައިވާ ސްޓޭންޑް އަދިވެސް އޮތީ ކުރިއެކޭ އެއްގޮތަށް ކަމަށާއި އެ ނިންމުން ބަދަލު ނުވާ ކަމަށެވެ.

މިއުވާން ވިދާޅުވީ ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރެއްގައި ދައުވާކޮށްފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ބަދަލުވީ އެއީ އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގައި ބަލައިގަންނަ ގަތުން މޮރިޝަސްއަށް ބަދަލު ކުރުމެވެ.

ސަރުކާރުން ބުނީ އެ ނިންމުން ބަދަލުކޮށް މޮރިޝަސް ކޮޅަށް އަރަން ނިންމީ 2019 ވަނަ އަހަރު ބައިނަލްއަގުވާމީ ގައުމުތަކާއި އދ. އިން އެގޮތަށް ގަބޫލުކޮށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަން އާއި އެއްގޮތަށް އަމަލު ކުރުމަށް ކަމަށެވެ. ބަންޑާރަ ނައިބު އިއްޔެ ހާމަކުރެއްވީ މި ކަމުގައި ސަރުކާރުން ވިސްނުން ބަދަލުކުރި ވާހަކަ ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.

މިއުވާން ވިދާޅުވީ މިމައްސަލައިގެ އިތުރު ތަފްސީލް، މައްސަލައިގެ އަޑުއެހުންތައް މާދަމާ ނިމުމުން ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރައްވާނެ ކަމަށެވެ.

މި މައްސަލައިގަ އޭޖީ އޮފީހުން ބުނެފައިވާ ގޮތުގައި ޗާގޮސްގެ ޑީކޮލޮނައިޒޭޝަން މައްސަލައިގައި ރާއްޖެ އިން ވަކި ގޮތަކަށް ވޯޓު ލުމުގެ ސަބަބުން އިޓްލޮސްގައި ކުރިއަށް ގެންދާ، ޗާގޮސް އާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ އެވެ.

މޮރިޝަސްއިން 2019 ވަނަ އަހަރު އިގްތިސޯދީ ސަރަހައްދު ކަނޑައެޅުމަށް އިޓްލޮސްއަށް ހުށަހެޅުމުން ސަރުކާރުން ބުނީ މިއީ މަޝްވަރާ ކޮށްގެން ހައްލު ކުރެވޭނެ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލަ އެ ގައުމުން އިޓްލޮސްއަށް ހުށަހެޅީ ޗާގޮސްގެ ސިޔާދަތީ ބާރު ލިބިގެން ވަނީ މޮރިޝަސް އަށް ކަމަށް އެ މައްސަލައިގެ ތެރެއިން ކަނޑައަޅަން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް