ބޮލީވުޑް ތަރިންގެ ދަރިން ތެރެއިން ފިލްމު ކުޅެން ނުފަށަނީސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބެމުންދާ މީހުންގެ ތެރޭގައި އަޖޭ ދޭވްގަން އާއި ކާޖޮލްގެ ދަރިފުޅު ނިސާ ދޭވްގަން ހިމެނެ އެވެ.
އުމުރުން 19 އަހަރުގެ ނިސާ އަކީ ގްރޫޕު ހަދާފައި ޕާޓީ ކުރުމާއި ތަންތަނަށް ދަތުރުކޮށް މަޖާ ކުރުމުގައި ހައްދު ފަހަނައަޅާފައި ހުންނަ މީހެކެވެ. އަދި އޭނާ ބަރާބަރަށް ސޯޝަލް މީޑިއާ އަށް އެހުރިހާ މަންޒަރެއް ލަމުން ދިއުމަކީ ގިނަ ބަޔަކަށް އޭނާ ކަމުދާ އެއް ސަބަބެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބި ނަމަވެސް މިފަހަރު ނިސާއަށް ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. މި ހަފްތާ ބަންދުގައި އޭނާގެ ފިރިހެން ގޭންގާއި އެކު ޕާޓީ ކުރުމަށް ފަހު ގެއަށް ދިޔަތަން ޕަޕަރާޒީންނަށް ފެނިގެން ނެގި ފޮޓޯތަކުން ނިސާ އިނީ ކާރުގައި މަސްތުގެ ހާލަތުގައި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އާންމުކުރި ފޮޓޯތަކުން ފެންނަނީ މަސްތުގެ ހާލަތުގައި ތިބޭ އިރު އާންމުކޮށް ގައިން ވާގިދޫވެގެން އެކި ކޮޅު ކޮޅަށް ޖެހެމުން ނިސާ ހޭތަނެވެ. އޭނާގެ ގައިގަ މާބޮޑު ބާރެއް ނުހުންނަކަން އެނގެ އެވެ. އަދި ކާރުގައި ދެން ތިބި ދެ ފިރިހެން އެކުވެރިންވެސް އޭނާ އާއި އެކު ހޭތަން ފެންނައިރު އެމީހުން ތިބީ މަސްތުގެ ހާލަތުގައި ނޫންކަން އެނގެ އެވެ.
މިކަމަށް ފާޑުކީ މީހުން ބުނީ ރަހުމަތްތެރިންނަށް ތިބެން ޖެހޭނީ އެކަހަލަ މީހުން ކަމަށާއި ނިސާ އާއި އެއްވަރަށް އެމީހުން ހެމުން ދިޔައީ ނިސާ ހެނީ މަސްތުގެ ހާލަތުގައި ހަމައިން ނެއްޓިގެން ނޫންކަން ދެއްކުމުގެ ގޮތުން ކަމަށެވެ.
ނިސާ ޕާޓީކޮށް ބޭރު ތެރެއިން ފެންނަލެއް ގިނަވުމުން ނޫސްވެރިން ސުވާލު ކުރުމުން އަޖޭ މީގެ ކުރިން ބުނެފައިވަނީ ނިސާ އަކީ ކުޑަކުއްޖެއް ނޫން ކަަމަށާއި މިނިވަން ކަމާއި އެކު އުޅުމުގެ ފުުރުސަތު އޭނާއަށް އޮންނާނެ ކަމަށެވެ. އަދި އަމިއްލަ ގަދަރާއި އިއްޒަތް ހިފެހެއްޓުމަށް މަސައްކަތް ކުރުމަކީ އަމިއްލަ ޒިންމާއެއް ކަން ހަނދާން ކޮށްދީފައިވާނެކަން ފާހަގަކޮށް އަޖޭ ބުނީ މައިން ބަފައިން ދަރިން ކޮންޓްރޯލް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ސޯޝަލް މީޑިއާގައި މީގެ ކުރިން ނިސާ ވަނީ އޭނާ ކުރާހާ ކަމެއް ބަލަން ފަހަތުން ޕަޕަރާޒީންނާއި ނޫސްވެރިން އުޅޭތީ ވަރަށް ރުޅިއައިސްގެން ވާހަކަ ދައްކާފައި އެވެ. ނިސާ ބުނީ މަޝްހޫރު މީހުންގެ ދަރިންގެވެސް އަމިއްލަ ދިރިއުޅުން އޮންނާނެ ކަމަށާއި ކުރާ ކޮންމެ ކަމެއް ނޫސްތަކަށް އަރުވައިގެން ނުވާނެ ކަމަށެވެ.
ނިސާގެ ގޭންގުގައި ގިނައިން ހިމެނެނީ މަޝްހޫރު މީހުންނެވެ. އޭގެ ތެރޭގައި ޖާންވީ ކަޕޫރާއި އޭނާގެ ލޯބިވެރިޔާވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް