ރާއްޖޭގެ ސްކޫލުތައް ރިވިއު ކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާއިރު އެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި އެގޮތުން މި އަހަރުވެސް 80 ސްކޫލެއް ރިވިއު ކުރެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
" ރާއްޖޭގެ ކޮންމެ ސްކޫލަކީ ޤާބިލު މުވައްޒަފުން ތިބި، ވަސީލަތްތައް ހަމަ، މާލީގޮތުން ފުދުންތެރި އަދި އުނގެނުމަށް މަގުފަހި އުފާވެރި މާހައުލެއް ލިބިގެންވާ ސްކޫލަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒު ޙާޞިލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުރިނެތްގޮތް ބެލުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން ސުކޫލުތަކުގެ ޙާލަތު ވަޒަންކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް އެބަ ގެންދަވާ، އެގޮތުން އެ މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓުމަންޓުގެ ފަރާތުން މި އަހަރު މިހާތަނަށް 80 ސުކޫލު ރިވިއުކޮށްފައިވޭ، އަދި އެޑިޕާޓުމަންޓުގެ ފަރާތުން 3 އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ސުކޫލުތަކެއް ރިވިއުކޮށް ނިންމަން ކަޑައަޅާފައިވާ ޓަގެޓާ އެއްގޮތަށް، 2016 ވަނަ އަހަރާއި މިހިނގާ 2017 ވަނަ އަހަރު ޖުމުލަ 145 ސުކޫލު ރިވިއުކޮށްފައިވޭ" އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައި ވެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީއިން ހާމަކުރައްވާގޮތުގައި ސުކޫލުތައް ރިވިއުކުރުމުގައި ސްކޫލުގެ އުނގެނުމާއި އުނގަންނައިދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި ސްކޫލުގެ ހިންގުންތެރިކަމާއި ސްކޫލަށް ލިބިފައިވާ ވަޞީލަތްތަކާއި އެ ވަޞީލަތްތައް ބޭނުންކުރަމުންދާ ގޮތް އަދި ސްކޫލާއި ސްކޫލު ހިއްސާވާ ފަރާތްތަކުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް ބަލައި ސުކޫލުގެ ހާލަތު ވަޒަންކުރެވެއެވެ. މިކަމަށްޓަކައި ސްކޫލުގެ އުނގެނުމާއި އުނގަންނައިދިނުން ކުރިއަށް ގެންދާގޮތާއި ސްކޫލުގެ ލިޔެކިޔުންތައް ބަލައި ދިރާސާކުރުމާއި ސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންގެ ފަރާތުން މަޢުލޫމާތު ހޯދައެވެ. އަދި މި މަޢުލޫމާތުގެ އަލީގައި ސުކޫލުގެ ހާލަތު ވަޒަންކޮށް ލިޔާ ރިޕޯޓުގެ މައްޗަށް ބިނާކޮށް، އިޞްލާޙުކުރަންޖެހޭ ކަންތައް ފާހަގަކޮށް ފިޔަވަޅުތައް އަޅަމުން ގެންދެވެއެވެ.
ރާއްޖޭގެ ސުކޫލުތަކަކީ ވަސީލަތް ހަމަ، މަގުބޫލު ސުކޫލުތަކަކަށް ހެދެވުމަށްޓަކައި، އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ 2014 ވަނަ އަހަރު، ސުކޫލު އިމްޕްރޫވްމަންޓު ކޮލިޓީ އެޝުއަރެންސް އެކައުންޓަބިލިޓީ ފުރޭމް ވޯކް (ސިޤާފު) އެކުލަވައިލާފައި ވާކަމަށާއި މި ފުރޭމްވޯކުގެ އެންމެ މުހިއްމު އެއް އަސާސް ކަމަށްވާ "ސުކޫލް ސެލްފު އިވެލުއޭޝަން" ހަދާ، ކޮންމެ ސުކޫލަކުން އެސުކޫލެއްގެ ހާލަތު ވަޒަންކޮށް، ސުކޫލު އިމްޕްރޫވްމަންޓު ޕްލޭން ހަދައި، ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުން ކަމުގައިވެސް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް