އިންތިހާބަށް ނުކުންނަން ނިންމުމަށްފަހު ފޯމު ނުލީ މުއިއްޒު ފަދަ ގާބިލު މީހަކު ކުރިމަތިލުމުން: ޖާނޭ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމަށްފަހު ފޯމު ނުލީ ޑރ. މުހައްމަދު މުއިއްޒު ފަދަ ގާބިލު މީހަކު ކުރިމަތިލުމުން ކަމަށް ޖާނޭ ބުނެފިއެވެ. ދިވެހި ރާއްޖެ ދަރަނިން ސަލާމަތް ކުރުމަށް ކަމަށް ...

23 Sep 2023 | 06:34

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމަށްފަހު ފޯމު ނުލީ ޑރ. މުހައްމަދު މުއިއްޒު ފަދަ ގާބިލު މީހަކު ކުރިމަތިލުމުން ކަމަށް ޖާނޭ ބުނެފިއެވެ.

ދިވެހި ރާއްޖެ ދަރަނިން ސަލާމަތް ކުރުމަށް ކަމަށް ބުނެ ޖާނޭ ވަނީ ޖުލައި މަހުގެ ފަހުކޮޅު، އިންތިހާބަށް ކުރިމަތި ލާނެކަން އިއުލާނު ކޮށްފައެވެ.

ދުވަހަށް މައުލޫމާތުދެމުން އޭރު ޖާނޭ ބުނީ ޖާނޭއަކީ ސިޔާސީ ދާއިރާއަށް އާ މީހެއް ނޫން ކަމަށާއި ރައީސް މައުމޫން ޑީއާރްޕީ ލީޑު ކުރެއްވިއިރު ޒައީމް އާއި ވާދަކޮށްގެން ޑީއާރްޕީގެ ކޮންގްރެސްއިން 221 ވޯޓު ހޯދިކަމުގައި ޖާނޭ ބުންޏެވެ.

ނަމަވެސް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވި އިރުވެސް ޖާނޭ ކުރިމަތި ލާފައެއް ނުވެއެވެ.

ވޯޓާ ގުޅޭގޮތުން ޖާނޭ ދީފައިވާ ވީޑިއޯ އިންޓަވިއުއެއް ސޯޝަލް މީޑިޔާގައި ދައުރު ވެފައި ވާއިރު، ޖާނޭ ބުނެފައި ވަނީ، ގާބިލު ތައުލީމީ އަދި އަމާނާތްތެރި މީހުން އިންތިހާބަށް ނުކުތުމުން އެމީހުންނަށް ޖާގަ ދޭން ޖެހޭނެ ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް ހުރިހާ ރައްޔިތުންގެ މައްޗަށް މިހާރު ލާޒިމު ކުރާ ކަމެއް މިހާރު ރާއްޖޭގެ ވެރިއަކަށް މިހިރަ ރައީސް ސޯލިހު ދުރުކުރުން" ޖާނޭ ބުންޏެވެ.

ޖާނޭއަކީވެސް މި ރިޔާސީ އިންތިހާބުގަ ނުކުންނަން މަސައްކަތް ކުރި މީހެއްކަން ފާހަގަކޮށް އޭނާ ބުނީ، ޑރ. މުއިއްޒުގެ ބައްޕައަކީ ޖާނޭގެ އެދުރުމީހާ ކަމަށާއި، އަދި އެއީ ވަރަށް ގާތް ބޭފުޅެއް ކަމަށެވެ.

އެހެންކަމުން މުއިއްޒުގެ ބައްޕައަށް ކުރާ އިހުތިރާމެއްގެ ދަށުން ނަން ނެގީ ކަމަށް ޖާނޭ ބުންޏެވެ.

އޭގެ އިތުރުން ޖާނޭ ބުނެފައި ވަނީ، އިންތިހާބުގައި ތާއީދު ކުރާނީ ލިޔާގަތާއި ގާބިލިއްޔަތު ހުރި މީހަކަށް ކަމަށާއި، އެފަދަ ބޭފުޅަކީ ޑރ. މުއިއްޒު ކަމަށެވެ.

މުއިއްޒުއަކީ ހެޔޮލަފާ، ސޯލިހު، ވަރަށް އިހުލާސްތެރި މީހެއް ކަމަށް ޖާނޭ ބުންޏެވެ.

"ރައީސް ޔާމީނުގެ ވެރިކަމުގަ އޭނަ އަދާކުރި ވަޒީފާގަ އެއްވެސްކަހަލަ ކަރަޕްޓެއް، ހިޔާނާތެއް، ގަޑިޖެހި މިކަހަލަ ކަމެއް ނުހުންނާނެ. ޓައިމަށް ހުންނާނީ މަސައްކަތްތައް ނިންމާފަ. އެގޮތަށް ވިސްނާފަ އަޅުގަނޑު އިންތިހާބުގަ ނުކުތުން ހުއްޓާލާފަ މުއިއްޒުއަށް ބައިއަތު ހިފާ އެ މަސައްކަތުގަ އަޅުގަނޑު މި އުޅެނީ" ޖާނޭ ބުންޏެވެ.

ޖާނޭ ބުނީ އޭނާގެ އާއިލާއާ ރައްޓެހިންގެ300 އެއްހާ މީހުންގެ ވޯޓު މުއިއްޒުއަށް ހޯދައިދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް