ހުޅުލޭގެ ފަރަށް މި މަހުގެ ދެވަނަ ދުވަހު އުރުނު "އެމްވީ ޗެން ގްލޯރީ 9" ޖޫރިމަނާކޮށްގެން ތިން ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ ހޯދައިފިއެވެ.
މިކަން ހާމަކޮށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެއިވަނީ އެ ބޯޓު ހުޅުލޭގެ ފަރަށް 02 ސެޕްޓެމްބަރު 2022 ގައި އެރުމާގުޅިގެން ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން އެ އުޅަނދުގެ ވެރިފަރާތުން ޢައްޔަންކުރި ސަރވެޔަރަކާއެކު، 10 ސެޕްޓެމްބަރު 2022 ގައި އެ އުޅަނދު ފަރަށް އެރި ސަރަޙައްދަށް ގޮސް ޖޮއިންޓް ސަރވޭއެއްވަނީ ކުރެވުނު ކަމަށެވެ.
"މި އެޖެންސީން ކުރިއަށް ގެންދިޔަ ޖޮއިންޓް ސަރވޭއިން ފަރުގައި އެ އުޅަނދު ޖެހިފައިވާތީވެ، ފަރަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން، ހުޅުލޭގެ ފަރަށް ލިބިފައިވާ ގެއްލުން ގަވާއިދު ނަންބަރު:2011/R-9 (ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު) ގެ ދަށުން ބެލިބެލުމުން ޖޫރިމަނާއަށް ކަނޑައެޅިފައިވާ ޢަދަދަކީ 365,000.00/- (ތިންލައްކަ ފަސްދޮޅަސް ފަސްހާސް) ރުފިޔާއެވެ." އީޕީއޭއިން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ އެ އުޅަނދު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތަކަށް ކަނޑައެޅުނު 365,000.00/- (ތިންލައްކަ ފަސްދޮޅަސް ފަސްހާސް) ރުފިޔާ ޖޫރިމަނާގެ ފައިސާ، އެ އެޖެންސީއިން ދަންނަވާފައިވާ ގޮތަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނަށް 13 ސެޕްޓެމްބަރު 2022 ގައި އެ އުޅަނދުގެ ލޯކަލް އެޖެންޓް (ގްރޭސް އެޓޯލް ޕްރައިވެޓް ލިމިޓެޑް) ގެ ފަރާތުން ވަނީ ދައްކާފައިކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް