ހިޖުރަވެރިންތަކެއް ގޮވައިގެން ގަވާއިދާ ހިލާފަށް ދަތުރުކުރަމުންދިޔަ ބޯޓެއް ފެތި 61 މީހަކު މަރުވެއްޖެއެވެ.
250 އެއްހާ ހިޖުރަވެރިން އަރުވައިގެން ލުބުނާނުން ޔޫރަޕަށް ދަތުރުފެށި މި ބޯޓު އިއްޔެގެ ވަގުތެއްގައި ފެތުނީ ސޫރިޔާގެ އައްސޭރިފަށަށެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ލުބުނާނާއި ސޫރިޔާގެ ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަމުން އަންނައިރު މަރުވެފައިވާ 61 މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާކަމަށް ލުބުނާނުގެ ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި ހާދިސާއިން ސަލާމަތްވި ވިއްސަކަށް މީހުންނަށް ސޫރިޔާގެ ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އަންނައިރު އޭގެން ބައެއް ފަރާތްތަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި އެ ބޯޓު ބުދަ ދުވަހު ދަތުރުފެށީ ލުބުނާނުގެ ދެކުނުގެ ސަރަހައްދެއްކަމުގައިވާ މިންޔޭއިންނެވެ. އެ ބޯޓުގައި ލުބުނާނު، ސޫރިޔާ އަދި ފަލަސްތީނުގެ ރައްޔިތުން ތިބި ކަމަށާއި އެ ބޯޓުގެ މިސްރާބަކީ ޔޫރަޕް ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
އދ ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެދުއިރުމަތީގެ ގައުމުތަކުން ހިޖުރަވެރިން ގަވާއިދާ ހިލާފަށް ޔޫރަޕަށް ހިޖުރަކުރުން 2021 އަށްވުރެ މި އަހަރު ވަނީ ދެގުނަ އިތުރުވެފައެވެ.
އާއްމުގޮތެއްގައި މިފަދަ ހިޖުރަވެރިން އެ ގައުމުތަކަށް ހިޖުރަކުރަނީ ދިއިރުޅުމުގެ އާއްމު ހާލަތު އުފަންގައުމުގައި އިންތިހާއަށް ދަށްވެ ރަނގަޅު ގޮތްތަކެއް ހޯދުމުގެ ބޭނުމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް