ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރުގެ މައްޗަށް ދައުލަތުން އުފުލާ އައު 40 ދައުވާގެ އަޑުއެހުންތައް މާދަމައަށް ތާވަލުކޮށްފިއެވެ.
ދައުލަތުން އަލަމްގީރުގެ މައްޗަށް އަލަށް އުފުލާ މި 40 ދައުވާއަކީވެސް އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާއެވެ.
މި ދައުވާތަކުގެ އަޑުއެހުންތައް ތައާވަލުކޮށްފައިވަނީ މާދަމާގެ ހެނދުނު 10:00 އަށެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި މީގެ ކުރިން އަލަމްގީރުގެ މައްޗަށް ދައުވާކޮށްފައިވާއިރު އޭނާ ވަނީ ދައުވާއަށް އެއްބަސްވެފައި އެވެ. އަލަމްގީރަށް މީގެ ކުރިން ކޮށްފައިވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަށް އިއުތިރާފް ވުމުން އަދަބަށް އައި ލުޔާ އެކު އައީ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމުގެ އަދަބެކެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާ އަލަމްގީރަށް ކުރީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށެވެ. އެ ދައުވާތައް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ.
އޭނާގެ މައްޗަށް އުފުލީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 (ސާޅީސް) ދަޢުވާ އެވެ.
އަލަމްގީރް ރެކޯޑްކުރި ވީޑިއޯތަކުގެ ތެރެއިން ބައެއް ވީޑިއޯތައް ވަނީ ލީކުވެފަ އެވެ. އެ ވީޑިއޯތަކުން ފެންނަ އެތައް ބައެއްގެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
އޭގެ ތެރޭގައި ރާއްޖޭގެ އެކި ދާއިރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް