ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ތާއީދު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ނުގެއްލޭކަމުގައި ޕީޕީއެމްޕީއެންސީ ކޯލީޝަނުން ބުނެފިއެވެ.
މި ކޯލީޝަނުން މިހެން ބުނެފައިވަނީ " ފައްޔާޒުގެ ލޯނާއި ގާސިމް އަތުން ފައިސާ ނެގިކަން ފަޅާއަރައި، ޔާމީނަށް ގައްދާރުވުމުން އަދުރޭ އެހެލައިފި!" މި ނަމުގައި ނޫހެއްގައި ލިޔެފައިވާ ހަބަރަކަށް ރައްދުދެމުން އެ ކޯލީޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ގުޅުވާ "ދެންމެ" ކިޔާ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރު އެ ކޯލީޝަނުން ކުށްވެރިކުރާކަމަށާއި އެ ކޯލިޝަންގެ ލީޑަރު ޕީޕީއެއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުބާރު އަބްދުއްރަހީމް އަބްދުﷲ އަށް ގެއްލި ޕާޓީގެ މަސައްކަތްތަކުން އެކަހެރިކޮށްފައިވާކަމަށް ބުނެ އެ ނޫހުގައި ލިޔެފައިވާ ހަގީގަތާއި ހިލާފު ވާހަކަތައް އެ ކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
"މި ޕާޓީ އޮތީ ރައީސް އަބްދުﷲ ޔާމީންއާއެކު ވަރަށް ބަދަހިކޮށެވެ. އަދި މި ޕާޓީގެ އެންމެ ބޮޑު އަމާޒަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީންއަށް ކާމިޔާކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސާބިތުކަމާއި ބަދަހިކަމާއެކު ކުރުމެވެ. ކަންމިހެން އޮއްވާ އެފަދަ ހަގީގަތެއް ނެތް ބޭކާރު ވާހަކަތަކުން މި ޕާޓީގެ ލީޑަޝިޕް ބައިބައިކޮށް މި ޕާޓީ ބަލިކޮށްލެވިދާނެކަމަށް ގަބޫލުކުރެވޭނަމަ އެއީ ވަރަށްބޮޑު ކުށްހީއެކެވެ. މިވަގުތުވެސް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުންނެވީ ރައީސް ޔާމީންގެ ހާއްސަ މަސައްކަތްޕުޅެއްގައި ލ. އަތޮޅުގައެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރާ ފިތުނަ އުފައްދަން މަސައްކަތްކުރާ ފަރާތްތަކުން އެކުރަނީ ބޭކާރު އެއްވެސް ތާކުންތާކު ނުޖެހޭ މަސައްކަތެއްކަމަށާއި އެފަދަ ހަގީގަތެއް ނެތް ވާހަކަތަކުން ފިތުނަ އުފައްދަން މަސައްކަތް ކުރާ ނޫސްވެރިންނާއި ނޫސް މަޖައްލާތައް ޖަވާބުދާރީ ކުރުވުމަށް އެކުލަވާލާފައިވާ މުއައްސަސާތަކުން މި މައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ގޮވާލާކަމަށެވެ. އަދި ނޫސްވެރިންވެސް ޒިންމާދާރުކަމާއެކު ހަގީގަތާއި އެއްގޮތަށް ރިޕޯޓުކުރެއްވުމަކީ އެ ކޯލިޝަންގެ އިލްތިމާސެއްކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް