މިޔަންމާއިން ފެންނަނީ ގައުމެއް ފަނާވެގެންދާ މަންޒަރު: އދ

މިޔަންމާއިން ފެންނަނީ ގައުމެއް ފަނާވެގެންދާ މަންޒަރު ކަމަށާއި އެ ގައުމުގެ ހާލަތު މިހާރު ބޮއްސުންލާފައިވާކަމަށް އދ އިން ބުނެފިއެވެ. އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވާހަކަ ދައްކަވަމުން މިޔަންމާއަ...

23 Sep 2022 | 03:28

މިޔަންމާއިން ފެންނަނީ ގައުމެއް ފަނާވެގެންދާ މަންޒަރު ކަމަށާއި އެ ގައުމުގެ ހާލަތު މިހާރު ބޮއްސުންލާފައިވާކަމަށް އދ އިން ބުނެފިއެވެ.

އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވާހަކަ ދައްކަވަމުން މިޔަންމާއަށް ހިއުމަން ރައިޓްސް ދާއިރާއިން ކަނޑައަޅާފައި ހުންނަ އދގެ ހާއްސަ މުސީރު ޓޮމް އެންޑްރޫސް އިއްޔެ ވިދާޅުވީ އަހަރެއްހާ ދުވަސް ކުރިން އެ ގައުމުގެ އަސްކަރިއްޔާއިން ގެނައި ބަގާވާތަށްފަހު ހާލަތު ގޯސްވަމުން ވަމުން ގޮސް މިހާރު ހުރިހާކަމެއް ފާލުން ނައްޓާފައިވާކަމަށެވެ.

މީގެ 19 މަސް ކުރިން އެކެއް ފެބްރުއަރީ 2021ގައި މިޔަންމާގެ އަސްކަރިއްޔާއިން އެ ގައުމުގައި ބަގާވާތެއް ގެނެސް އަސްކަރީ ވެރިކަމެއް އުފެއްދީ ސަރުކާރެއް އުފެދުނުތަނާ އެ ސަރުކާރު ވައްޓާލުމަށްފަހުގައެވެ. އުފެދުނު ސަރުކާރުގެ ވެރިން ތިބީ ހައްޔަރު ކުރެވިފައެވެ. އެ ދުވަހު އާންމުން މަގުތަކަށް ނިކުތުމުން އަސްކަރިއްޔާއިން ބާރުގެ ބޭނުންކޮށް ހިންގި ކުރިމަތިލުންތަކުގައި އާންމުންގެ 2300 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

އދ ގެ ހާއްސަ މުސީރު ފާހަގަކުރެއްވިގޮތުގައި މިޔަންމާގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ފާޅުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމާއި ކުޑަކުދިން ޖަލަށް ލުމާއި އިދިކޮޅު އެންމެން ޖަލަށް ލުމާއި މަރުގެ ހުކުމް އިއްވާ އެ ހުކުމް ތަންފީޒު ކުރުމާއި މިހެންގޮސް ފާޅުގައި އެތައް ޖަރީމާއެއް މިލިޓަރީ ޖަންޓާއިން ހިންގަމުން އަންނަކަން އދގެ ހާއްސަ މުސީރު ފާހަގަކުރެއްވިއެވެ.

ހާއްސަ މުސީރު މިކަން ފާހަގަކުރެއްވިއިރު މިޔަންމާގެ މިލިޓަރީން މިދިޔަ ބުދަ ދުވަހު އެ ގައުމުގެ ސްކޫލަކަށް ދިން ހަމަލާއެއްގައިވެސް 11 ކުޑަކުއްޖަކު މަރުވެފައިވެއެވެ. އެ ހަމަލާ ދިނީ އެ ސްކޫލުގައި އިދިކޮޅު ސިޔާސީ ފަރާތްތަކެއް ފިލާތިބިކަމަށް ތުހުމަތު ކޮށެވެ.

އެ ގައުމުގެ ހާލަތު ބޮއްސުންލާފައިވާއިރު މިހާރު ލީޑަރު ސީނިއަރ ޖެނެރަލް މިން އޮން ހައިން ވަނީ މި މަހުގެ ކުރީކޮޅު ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި ބައްދަލުކުރައްވައި ޔޫކްރޭން ރަޝިޔާގައި ހަނގުރާމައިގާ ރަޝިޔާއަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

އދ ގެ ހާއްސަ މުސީރު، ހިއުމަން ރައިޓްސް ކައުންސިލުގައި އިއްޔެ އިއްވެވި ރިޕޯޓުގައި ފާހަގަކުރައްވާފައިވާގޮތުގައި މި ހާރުވެސް 295 ކުޑަކުއްޖަކު އެ ގައުމުގެ ޖަލުތަކުގައި އެބަ ތިއްބެވެ. ސިޔާސީ 84 ފަރާތަކަށް މަރުގެ ހުކުމް ވަނީ އިއްވާފައެވެ.

އޭނާ އިތުރަށް ފާހަގަ ކުރެއްވިގޮތުގައި މަސްރަހު ހަމައަކަށް އަޅުވައި އެ ގައުމު ހަމަމަގަށް ގެނައުމަށް އިންތިހާބީ ސަރުކާރެއް ގާއިމުކުރެވި، މިހާރު އޮތް ޖަންޓާ ފޯސަސް (އަސްކަރީ ސަރުކާރު)ގެ ބާރު ދަށްކޮށް އެ ސަރުކާރު ގައުމުތަކުން ބަލައިނުގަނެ އެ ސަރުކާރަށް ހަތިޔާރު ފޯރުކޮށްދީ ބާރުވެރިކުރުން ހުއްޓުވަން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް