ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ގޯންޏަކާ އެކު ނިންމާލަން ޖެހިއްޖެ އެވެ.
އަންނަ އަހަރު އިންޑިއާގައި ބާއްވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕަށް ކޮލިފައިވާން ތަޖިކިސްތާނުގައި މިހާރު ކުރިޔަށްދާ ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ރާއްޖެ ބައްދަލުކުރީ ދުނިޔޭގެ ރޭންކިންގ ގެ 32 ވަނައިގައި އޮތް ވިއެޓްނާމް ޓީމާ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ކޮޅަށް 5 ލަނޑު ޖަހާފައިވާ އިރު، ދެވަނަ ހާފުގައި ޖެހި 11 ގޯލާ އެކު ރާއްެއިން މި މެޗު ނިންމާލަން ޖެހުނީ 16-0 ގެ ނަތީޖާއަކުން ނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ 6 ގޯލު ޖަހައިދިން ވިއެޓްނާމްގެ ހާއި ޔެން އެވެ.
މި މެޗުގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދީފައިވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އަހްމަދު ޝަރީފް (ޑުންގާ) އެވެ.
މިރޭގެ މެޗަށް ރާއްޖޭގެ ޓީމު ނުކުމެފައިވަނީ ނިސްބަތުން ޒުވާން ކުޅުންތެރިންނާ އެކުގަ އެވެ.
އެގޮތުން ރާއްޖޭން މިދިޔަ މަހު ޔޫއޭއީގައި ކުޅުނު ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗުގައި ރާއްޖޭން ކާމިޔާބުކުރި ހަމައެކަނި ގޯލު ޖަހައިދިން ޒުވާން ފޯވަރޑް އުމުރުން 16 އަހަރުގެ ރާނިޔާ އިބްރާހީމް ވެސް ވަނީ މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފަ އެވެ.
މިއީ ވިއެޓްނާމްގެ އަންހެން ގައުމީ ޓީމު މެޗަކުން މޮޅުވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. މީގެ ކުރިން އެޓީމު އެންމެ ތަފާތު ބޮޑު ނަތީޖާއެއް ހޯދީ ރާއްޖެ، އިންޑޮނޭޝިއާ އަދި ސިންގަޕޫރު 14-0 އިން ބަލިކޮށްގެން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް