ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)، އަށް އެމްއެންޕީ އަށް ސޮއި ކުރުވުމަށް ފައިސާ ދޭން ބުނެފައި ނުވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ.
އެ ޕާޓީން މިހެން ބުނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވާފައިވާ އަދި އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ ވިލިމާލޭ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އެ ޕާޓީ އުފެއްދުމުގެ ވާހަކަ ދެއްކީ ރައްޔިތުންގެ މަޖިލީހުގައި އެއް ފިކުރެއްގައި މަސައްކަތް ކުރި މެންބަރުން ތަކެއްގެ މެދުގައި ކަމަށެވެ.
"އެކަމާ ގުޅިގެން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު އަދި އަޅުގަނޑާއި ޖޭފޯ އާއި މޮސްޓާ ހިމެނޭ ގޮތަށް ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ހުސްވި ޖުލައި މަހުގެ ކުރީކޮޅު އެއްބަސްވުމެއްގައި ސޮއިކުރި." އުޝާމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ފަސް މެންބަރުން ހިމެނޭ ގޮތަށް ޕާޓީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ނަމަވެސް، ގަވާއިދުގައިވާ ގޮތުން ޕާޓީ އުފެއްދޭނީ އެކަކުގެ ނަމަށް ކަމަށް އީސީން ބުނުމުން، އުޝާމްގެ ނަމުގައި ޕާޓީ ރަޖިސްޓްރީ ކުރުމަށް އެއްމެން އެއްބަސްވީ ކަމަށެވެ. ދެން ޕާޓީގެ އުފެއްދުމުގެ ހަރަކާތް ފެށުމަށް ޖުލައި 26 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ޖޭފޯ އާއި މޮސްޓާ ވަޑައިގަތީ ޗުއްޓީގައި ތިއްބަވާފައި ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
" އެ ދެ މެންބަރުންނަށް ފައިސާ ދިނުމަށް އެއްވެސް އިރެއްގައި އެއްބަސްވެފައި ނުވާނެ. އަދި ނާޒިމާއި ރިޔާޒުވެސް އެފަދަ ކަމަކަށް އެއްބަސްވެފައި ނުވާނެ. އެ ދެ މެންބަރުން ޕާޓީ އުފެއްދުުގެ މަސައްކަތް ހުއްޓައިލިކަން އެނގުނީ ވެސް މީޑިއާއިން. އެބޭފުޅުންގެ އޮތީ ކޮން ހިތްހަމަނުޖެހުމެއް ކަމެއް ނޭނގެ. އެބޭފުޅުން ވެސް އެކަހަލަ އެއްވެސް ކަމެއް މިހާތަނަށް ހިއްސާ ކުރައްވާފައެއް ނުވޭ." ނުވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
ނަމަވެސް އެބޭފުޅުންގެ ހުރި ޚިޔާލުތަފާތުވުންތައް ނައްތާލައި އަލުން އެޕާޓީއާ ގުޅިވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް އުޝާމް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް