ހިޔާ ފްލެޓު ލިބުނު މީހުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ހިޔާ ޔޫނިއަންގެ ފަރާތުން އެކި ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއަށް ބޮޅެއް އިތުރުކޮށްފި އެވެ.
އެގޮތުން އެ ޔޫނިއަން އިން ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީނާ މިއަދު ބައްދަލުކޮށް މަޝްވަރާތައް ބާއްވާފަ އެވެ.
މި މަޝްވަރާގައި ހިޔާ ފްލެޓް ސަރަހައްދުން ދިރިއުޅުމުގެ އަސާސީ ބޭނުންތަކަށް ބޭނުންވާ ފެން، ކާބޯތަކެތި ލިބެން ނެތުމުން އެކަމަށް ގެނެވޭނެ ހައްލަކާމެދު ވަނީ މަޝްވަރާ ކޮށްފަ އެވެ. އަދި އެސް.ޓީ.އޯ ގެ ފަރާތުން އެތަކެތި ފޯރުކުރުމަށް ފިހާރައެއް ހިޔާ ފްލެޓް ސަރަހައްދުގައި ވަގުތީ ގޮތުން ހުޅުވުމަށް ނިމި، އެޗް.ޑީ.ސީ ގެ އެމް.ޑީ ތަނެއް ދެއްވާނޭ ކަމުގެ ޢިޝާރާތެއް ކުރައްވާފައިވާ ކަމަށް އެ ޔޫނިއަން އިން ބުންޏެވެ.
މީގެ އިތުރުން 130 މީހުންގެ ވެރިފިކޭޝަން ލިސްޓާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް އެ ޔޫނިއަން އިން ބުންޏެވެ. އެގޮތުން ބައްދަލުވުން ނިމުނު އިރު، ސްޓޭޓް މިނިސްޓަރ ސޮއި ކުރައްވައި 130 މީހުންގެ ވެރިފިކޭޝަން ލިސްޓުން 115 މީހުންގެ ނަން އަދި މުޅިން އަލަށް ގުރުއަތުނުލެވި ހުރި 18 މީހެއްގެ މަޢުލޫމާތު ވެސް ފޮނުވުމަށް ނިންމެވި އެވެ.
މި ލިސްޓު ރޭ 9:00 ގައި އެޗް.ޑީ.ސީ އަށް ފޮނުވުނުކަމަށް މިނިސްޓްރީން ވަނީ ޔޫނިއަން އަށް އަންގާފަ އެވެ.
ދެން މަޝްވަރާ ކުރެވިފައިވަނީ ރާއްޖޭގެ މާކެޓުގައި އިންޓީރިއާ ފިނިޝިންގ އަށް ބޭނުންވާ މުދާ ލިބުމުގައި ހުރި ހުރަސް ތަކާއި ފްލެޓް ސަރަހައްދުގެ އަސާސީ ކަންކަން ފުރިހަމަވެފައި ނެތުމާއި ގުޅޭ ގިތުން ނެވެ.، އަދި އެޗް.ޑީ.ސީ ގެ މަސައްކަތްތަކުގެ ސަބަބުން މަސައްކަތަށް ދިމާވާ ހުރަސްތަކާއި ގުޅިގެން ކުލި ނުހިނގާ ގޮތަށް މަސައްކަތް ނިންމުމަށް ދެވިފައިވާ ގްރޭސް ޕީރިއެޑް އިތުރު ކުރުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށް އެ ޔޫނިއަން އިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ސްޓޭޓް މިނިސްޓަރުގެ އެދުމަށް 22 ސެޕްޓެމްބަރު 2021 ގައި މައިގަނޑު 07 ނުކުތާއެއް ހިމަނައި ސިޓީ އެއް ވަނީ މިނިސްޓްރީ އަށް ފޮނުވާފަ އެވެ، މި މަޤުބޫލު 07 ޢުޒުރާ އެކު ގުރޭސް ޕީރިއެޑް އިތުރު ކުރެއްވުމާމެދު ވިސްނަވާނޭ ކަމަށް ސްޓޭޓް މިނިސްޓަރު ޖަވާބު އަރުއްވާފައިވާ ކަމަށް ވެސް ހިޔާ ޔޫނިއަން އިން ބުންޏެވެ.
މި ސިޓީގައި ޔޫނިއަން އިން އެދިފައިވާނީ މަޤުބޫނު 07 އުޒުރުގެ ސަބަބުން 12 މަހަށް ގުރޭސް ޕީރިއެޑް އިތުރު ކުރުމަށެވެ. އަދި ސިޓީގެ ޖަވާބު މި ކުރިއަށް އޮތް ހަފުތާގައި އަރުވާނޭ ކަމަށް ދެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް