އަނިޔާގެ ސަބަބުން ސިޓީއާއި ދެކޮޅަށް މެސީއަށް ނުކުޅެވިދާނެ ކަމުގެ ބިރު ހީވެއްޖެ

ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް އަންނަ ހަފްތާގައި ޕީއެސްޖީ ކުޅޭ މެޗުގައި ލިއޮނަލް މެސީއަށް ނުކުޅެވިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. ...

23 Sep 2021 | 15:13

ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް އަންނަ ހަފްތާގައި ޕީއެސްޖީ ކުޅޭ މެޗުގައި ލިއޮނަލް މެސީއަށް ނުކުޅެވިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

މެސީގެ ވާއަތު ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ޕީއެސްޖީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މެސީއަށް ލިބުނު އަނިޔާ އެހާ ސީރިއަސް ނޫންކަމަށެވެ. ނަމަވެސް ބަލަންޖެހޭ އިތުރު ކަންކަން ހުރުމުން، އެ އަނިޔާ އެއްކޮށް ރަނގަޅު ނުވާތީ ސިޓީއާއި ދެކޮޅަށް ކުޅޭ މެޗުގައި މެސީއަށް ކުޅެވޭނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ޔަގީންކޮށް ބުނަން ނޭންގޭ ކަމަށް ބާޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މެސީގެ އަނިޔާއާއި ގުޅޭ އިތުރު ޓެސްޓުތަކެއް މިހާރު ހަދަމުން އަންނަކަމަށާއި ސިޓީއާއި ދެކޮޅަށް މެސީއަށް ކުޅެވޭނެތޯ ނުވަތަ ނޫންތޯ ބުނަން އެނގޭނީ މި ޓެސްޓުތަކަށް ފަހުގައި ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް 48 ގަޑި އިރު ތެރޭ މެސީގެ އަނިޔާގެ އިތުރު ތަފްސީލް ލިބޭނެ ކަމަށް ވެސް ޕީއެސްޖީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ އާދިއްތަ ދުވަހު ލިޔޯންއާއި ދެކޮޅަށް ކުޅުނު މެޗުގައި މެސީގެ ކަކުލަށް ލިބުނު މި އަނިޔާއާއި ގުޅިގެން ރޭ ފްރެންޗް ލީގުގައި މެޒްއާއި ދެކޮޅަށް ވެސް މެސީ ކުޅެފައެއް ނުވެއެވެ.

21 އަހަރު ސްޕެއިންގެ ބާސެލޯނާއަށް ކުޅުމަށް ފަހު ފްރާންސްގެ ޕީއެސްޖީއަށް މެސީ ބަދަލުވީ ނިމިގެން ދިޔަ ޓްރާންސްފާ ބާޒާރުގައެވެ. މެސީ ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާގެ ދަށުންނެވެ.

ޕީއެސްޖީއަށް ބަދަލުވި ފަހުން މިހާތަނަށް މެސީ ވަނީ އެ ކުލަބާއި އެކު ދެ މެޗެއް ކުޅެފައެވެ. މި ދެމެޗުގައި ވެސް މެސީ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް