ކޯވިޑް ކޮންޓްރޯލްކޮށް ދުވާފަރު އާންމު ހާލަތަށް ގެނެސްފި

ރ. ދުވާފަރު މޮނިޓަރިންއިން ނަގައި އާންމު ހާލަތަށް ގެނެސްފި އެވެ. އެ ރަށް އާންމު ހާލަތަށް ގެނެސްފައި މިވަނީ ހަތަރު މަސް ފަހުންނެވެ. ކޯވިޑް-19 ފެތުރޭތީ އެ ރަށް މޮނިޓަރިންއަށް ލީ މިދިޔަ މެއި މަހުގެ 25 ވަ...

23 Sep 2021 | 10:54

ރ. ދުވާފަރު މޮނިޓަރިންއިން ނަގައި އާންމު ހާލަތަށް ގެނެސްފި އެވެ.

އެ ރަށް އާންމު ހާލަތަށް ގެނެސްފައި މިވަނީ ހަތަރު މަސް ފަހުންނެވެ. ކޯވިޑް-19 ފެތުރޭތީ އެ ރަށް މޮނިޓަރިންއަށް ލީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ.

މިވަގުތު އެ ރަށުގައި ބަލި ޖެހިފައިތިބީ 25 މީހުންނަށެވެ. އިއްޔެ އެ ރަށުން އެއްވެސް މީހަކަށް ކޯވިޑް ޖެހިފައެއް ނުވާއިރު ޕޮސިޓިވް ކޭސްތަކާއި ގުޅިގެން ކަރަންޓީންގައި ހުރީވެސް އެންމެ ދެ ގެ އެވެ.

ދުވާފަރު ސިއްހީ މަރުކަޒުގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ދުވަސްތަކުގައި އެ ރަށުން 1،038 މީހުންނަށް ކޯވިޑް-19 ޖެހުނެވެ. އަދި ބަލިޖެހުނު މީހުންގެ ތެރެއިން 1،005 މީހުން ރަނގަޅުވެފައިވާއިރު ކޯވިޑް ބަލީގައި އަށް މީހުން ދުވާފަރުން މަރުވި އެވެ.

އެ ރަށް އާންމު ހާލަތަށް ގެނައީ ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލްތަކެއް މިދިޔަ މަހުން ފެށިގެން ނެގުމަށް ފަހު ބަލި ނުފެތުރޭކަން ކަށަވަރު ކުރުމަށް ފަހު އެވެ. އެގޮތުން އިއްޔެވެސް 120 އަށްވިރެ ގިނަ ރެންޑަމް ސާމްޕަލް ނަގާފައިވާއިރު މޮނިޓަރިންއަށް ލީފަހުން އެ ރަށުން 6،921 ސާމްޕަލެއް ކޯވިޑަށް ޓެސްޓުކޮށްފައިވެ އެވެ.

މޮނިޓަރިންގައި އޮތް ނަމަވެސް ދުވާފަރުގައި ވަނީ ވެކްސިން ދިނުން ކުރިޔަށް ގެންގޮސްފަ އެވެ. އެގޮތުން އާބާދީގެ 87 ޕަސެންޓު މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު ދެ ވަނަ ޑޯޒު ފުރިހަމަކުރީ 48 ޕަސެންޓު މީހުންނެވެ.

މިވަގުތު ކޯވިޑް ފެތުރޭތީ މޮނިޓަރިންގެ ހާލަތުގައި އޮތީ 15 ރަށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް