މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވާނީ ސައުދިއަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް އެ ގައުމަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލު ވިދާޅުވެއްޖެ އެވެ.
ސައުދީގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ހަލީލު ވިދާޅުވެފައިވަނީ ސަލްމާން މިސްކިތުގެ ހުރިހާ މަސައްކަތެއްހެން ނިމިފައިވާ ކަމަށެވެ. އަދި އެ މިސްކިތް ރަސްމީކޮށް ހުޅުވާނީ ވަލީއަހުދު މުހައްމަދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއްގައި ކަމަށް ވިދާޅުވެފައިވެ އެވެ.
އެކަމަކު ތާރީހާއި ގުޅޭގޮތުން ހަލީލް ވާހަކަ ދައްކަވާފައެއް ނުވެ އެވެ. ސަލްމާން މިސްކިތާއި ގުޅޭ މަޝްވަރާތަކަށް މިއަހަރު ތެރޭގައި ސައުދީން އައި ވަފުދާއި އެކު މަޝްވަރާކޮށް ނިންމާފައިވަނީ އަންނަ އަހަރުގެ ރޯދައިގެ ކުރިން މިސްކިތް ރަސްމީކޮށް ހުޅުވުމަށެވެ.
ހަލީލް ވިދާޅުވީ ސަލްމާން މިސްކިތަކީ ރާއްޖެ އާއި ސައުދީއާ ދެމެދު އޮންނަ އަހުވަންތަ ގުޅުން ރަމްޒުކޮށްދޭނެ ބިނާއެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލު ރަމްޒުކޮށްދޭނެ ބިނާއެއް ކަމަށްވެސް ވިދާޅުވިއެވެ.
ސަލްމާން މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެވެ.
އެ މިސްކިތް މީގެ ކުރިން ހުޅުވަން ނިންމާފައި އޮތީ މިދިޔަ އަހަރު މާޗު މަހު ސައުދީގެ އިސްބޭފުޅުން ވަޑައިގެންނެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މިސްކިތް ހުޅުވުން ފަސްކުރި ގޮތަށް، އަދިވެސް އެތަން ހުޅުވައިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް