މިނިވަން ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން މިއަދު ނިންމާފައި އޮތަސް އެކަން ނުވާނެ ކަމަށް ވޭޖް ބޯޑުގެ މެމްބަރު މައުރޫފް ޒާހިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.
ވަރަށް އަވަހަށް މިނިވަން ވޭޖު ކަނޑައަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިދިޔަ ހަފްތާގައި ވިދާޅު ވެފައި ވަނިކޮށް ވޭޖް ބޯޑުން ވަނީ އިއްޔެ އެކަން އިއުލާނު ކުރާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އިއްޔެ ވަނީ މިނިމަމްވޭޖް ކަނޑައަޅާނީ މިއަދު ކަމަށް ބުނެފަ އެވެ.
އެ ބޯޑުގައި މަސައްކަތްތެރިން ތަމްސީލުކުރައްވާ ޓީމުގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް މިއަދު މީޑިއާގައި ވިދާޅުވީ މިނިވަން ވޭޖު މިއަދު އިއުލާނު ނުކުރެވޭނެ ކަމަށެވެ. މިއަދު ކުރިޔަށްދާ ބޯޑުގެ މަޝްވަރާގައި އޮތީ ސަރުކާރުން އަލަށް ހުށަހެޅި ޕްރޮޕޯސަލްއަކާ މެދު މަޝްވަރާތައް ކުރުން ކަމަށާއި މަސައްކަތް ހުރިގޮތަށް ބަލާއިރު އަންނަ ހަފްތާގައިވެސް އެކަން ވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
މަޓޭ ވިދާޅުވީ، ބޯޑުގެ މަސައްކަތް ލަސްވަމުންދާ ސަބަބުތަކުގެ ތެރޭގައި ކަންކަން ސިޔާސީވުންވެސް ހިމެނޭ ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ނިމެންދެން މިނިމަމް ވޭޖެއް ކަނޑައެޅުން އިތުރަށް ފަސް ވެދާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި އެންމެ ކުޑަ އުޖޫރައިގެ ބައެއް ކެޓަގަރީތަކުގެ މުސާރަ އުޅެނީ 3،500 ރުފިޔާގައި ކަމަށެވެ. މަޓޭ ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ރާއްޖޭގައި އުޅޭ ގޭބީސީތަކުގެ ދިރިއުޅުމަށް 17،000 ރުފިޔާ ވަރު ހަރަދުވާއިރު އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 3،500 ލިބޭ ނަމަަ އެއީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ.
ބައެއް ކެޓަގަރީތަކުގެ މިނިމަމް ވޭޖް 3،500 ރުފިޔާގައި އުޅޭ އިރު މަޖިލީހުން ނިންމި ނިންމުމުގައި މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ދަށްވެގެން 6،700 ރުފިޔާ އާއި 8،900 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ ވޭޖް ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ. އެއީ މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތައް ހިމެނޭ ގޮތަށް އުފައްދާފައިވާ މިނިވަން ބޯޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް