މިހާރު އިންޓަނެޓުގައި ވައިރަލް ވެގެން އުޅޭ ވީޑިއޯ އަކުން ބޭކަރީއެއްގައި ވަރަށް ނުތާހިރުކޮށް ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް ކުރާ ތަން ފެނެ އެވެ.
އެތަނުގެ މުވައްޒަފުން ފާރޮށި ބަންދުކުރުމުގެ ކުރިން އޭގައި ދޫލާ ތަނާއި ފައިތިލަ ބޭނުންކޮށްގެން ފާރޮށިތައް ބިންމަތީގައި ބަހައްޓާފައި ހުންނަ ޓްރޭތަކަށް އަޅާ މަންޒަރު އެ ވީޑިއޯއިން ފެނިގެންދެއެވެ. މި ވީޑިއޯ އާންމުވުމާއި ގިނަ ބައެއްގެ ފާޑުކިޔުން އެތަނާއި މެނޭޖްމެންޓަށް ދަނީ އަމާޒުވަމުންނެވެ.
އެތަނަށް ފާޑުކިޔައި ތަން ބަންދުކޮށްލަން ގޮވާޅި މީހުންގެ ތެރޭގައި ބޮލީވުޑްގެ ބަތަލާ ރަވީނާ ތެންޑަލްވެސް ހިމެނެ އެވެ. އޭނާ އިންސްޓަގްރާމްގައި ބުނެފައިވަނީ އެމީހުން ހައްޔަރުކޮށް ޖަލުގައި އުމުރުދުވަހު ބައިތިއްބަން ޖެހޭނެކަމަށެވެ. އަދި މި ބޭކަރީގެ ވެރިންނާއި މަސައްކަތްތެރިންނަށް ވެސް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
ޝިވްކުމާރު ޕާރތަސަރަތީ ނަމަކަށް ކިޔުނު މީހަކު ސެޕްޓެމްބަރ 17 ވަނަ ދުވަހު އިންސްޓަގްރާމްގައި ހިއްސާކޮއްފައިވާ މި ވީޑިއޯއައި އެކު ބުނެފައިވަނީ އޭގެއިން މި ފެންނަ މީހުން ހޯދާ ހައްޔަރު ކުރުމަށް ވީހާވެސް ގިނަ ބަޔަކު އެ ވީޑިއޯ އެކަކު އަނެކަކާއި ހިއްސާކޮއްދިނުމަށެވެ.
ނަމަވެސް އެ ވީޑިއޯ ނަގާފައިވަނީ ކޮންއިރަކު ނުވަތަ ކޮންތާކު ކަމެއްވެސް އަދި ސާފެއްނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް