އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ ކުދި ޖަޒީރާ ޤައުމުތަކަކީ ދުރުދުރުގައި ވަކިވަކިން ހުރި ކުދި ޤައުމުތަކެއް ނަމަވެސް މި ޤައުމުތަކުގެ ބަދަހިކަމާއި ގުޅިފައިވާ ތަޞައްވުރަކީ، ދުނިޔޭގައި ބަސް ހިނގައި، ބޭނުންވާ ބަދަލު ގެނެވޭފަދަ ބާރަކަށް އެއޯސިސް ހަދައިދިން ކަމެއްކަމުގައި ރައީސް ވިދާޅުވެއްޖެ އެވެ.
ރައީސް މި ވާހަކަފުޅު ދައްކަވާފައިވަނީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިޔަށްދާ އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ހަވާސާގެ އެއޯސިސްގެ ލީޑަރސް ސަމިޓް 2021 ގައި ވާހަކަފުޅު ދައްކަމުން ނެވެ.
ރައީސް ގެ ވާހަކަފުޅުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަކީ މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލަމުން އަންނަ ޤައުމުތަކެއްގެ ގޮތުގައި ފާހަގަކުރައްވާ ދެމެހެއްޓެނިވި ތަރައްޤީއާއި އަދި މިނޫންވެސް ނާޒުކު މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ، އަދި އެކަންކަމުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ދިގު މާޒީއެއް އޮތް ޤައުމުތަކެއްކަން ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ކޯވިޑް-19 ޕެންޑަމިކުގެ ސަބަބުން ތަރައްްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކު އިޤްތިޞާދުތަކަށް ބޮޑެތި ގެއްލުން ތަކެއްވެފައިވާ ކަން ހާމަ ކުރެއްވި އެވެ. އަދި ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމު ދިގު މުއްދަތަކަށް މަޑުޖެހިފައި އޮތުމުން ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށާއި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދުތައް ސިންދަފާތުކުރުމަށް ޓެކްނޮލޮޖީ ޙިއްސާކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި މާލީ އެހީތެރިކަމާއި ޤާބިލިއްޔަތުކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެހީތެރިވެ ދިނުމަށް ރައީސް އެދިވަޑައި ގެންނެވި އެވެ.
ވަކިން ޚާއްސަ ޙާލަތްތައް މެދުވެރިވެފައިވާ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިވުމަށް އެކުލަވާލާ ފަންޑު ވާން ޖެހޭނީ އެކަމަށް އެކަށޭނަ، އެއްބަސްވެފައިވާ އަދި ފަސޭހައިން ހަމަޖެހޭގޮތަށް އެކުލަވާލެވިފައި އޮންނަ އެއްޗަކަށް ވާން ޖެހޭ ކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް