މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ސިލްސިލާކޮށް ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަށް ނިންމައިފި އެވެ.
އެމްއެންޕީގެ މީޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި މިއީ އެ ޕާޓީގެ މައުލޫމާތާއި އެ ޕާޓީން ކުރަމުން ގެންދާ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް އަންގައިދިނުމަށް ކުރިއަށް ގެންދާ ސިލްސިލާ އެކެވެ.
މި ސިލްސިލާގެ ދަށުން ބާއްވާ ފުރަތަމަ ބައްދަލުވުން މިއަދު މެންދުރުފަހު 13:50 ގައި އޮންނާނެ ކަމަށް އެ ޕާޓީން ބުނެއެވެ. މި ބައްދަލުވުން އޮންނާނީ އެމްއެންޕީގެ އޮފީސް، ޖަޒީރާ ބިލްޑިންގ 8 ވަނަ ފަންގިފިލާގަ އެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ހައްދަވާ ސިޔާސީ ޕާޓީ އެކެވެ.
މިޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަނީ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާރނަލް ރެޓެއަރޑް މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒެވެ.
އެމްއެންޕީ އިން ވަނީ ފަސް ހާސް މީހުންގެ ސޮޔާއެކު، އެޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.
މި ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު (ޖޭފޯ) މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ނުގުޅޭން މިހާރުވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް