ތިމާވެއްޓާއި ބަޔޯޑައިވަރސިޓީ ޙިމާޔަތް ނުކޮށްފިނަމަ މުޅި އިންސާނިއްޔަތަށް އޮތް ނުރައްކާބޮޑު: ރައީސް

ތިމާވެއްޓާއި ބަޔޯޑައިވަރސިޓީ ޙިމާޔަތް ނުކޮށްފިނަމަ މުޅި އިންސާނިއްޔަތު އޮތީ ނުރައްކަލެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ތިމާވެއްޓަށް އަންނަމުންދާ ބަދަލ...

23 Sep 2021 | 05:12

ތިމާވެއްޓާއި ބަޔޯޑައިވަރސިޓީ ޙިމާޔަތް ނުކޮށްފިނަމަ މުޅި އިންސާނިއްޔަތު އޮތީ ނުރައްކަލެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށާއި ބަޔޯޑައިވަރސިޓީ ޙިމާޔަތްކުރުމުގެ ގޮތުން ރާއްޖޭގެ ފަރާތުން އަޅާފައިވާ ބައެއް ފިޔަވަޅުތައް ފާހަގަކުރައްވާ، ރައީސް ސޯލިހު ވިދާޅުވީ "ނެޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން"ގެ ދަށުން، 2023 ގެ ނިޔަލަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ރާއްޖޭގައި ހުއްޓާލެވޭނެ ކަމަށެވެ.

ރާއްޖޭގެ ކާރބަން އެމިޝަންގެ މިންވަރު 2030 ގެ ނިޔަލަށް ބައިކުޅަބައި ދަށްކުރުމަށް އަމާޒުހިފާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީއާއެކު 10 އަހަރު ތެރޭގައި ކަރބަން އެމިޝަންގެ މިންވަރު ނެޓް ޒީރޯއަށް ހެދުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.

މީގެ އިތުރުން، ކަނޑުފަޅުގެ ދިރުންތައް އާލާކުރުމަށް ބާރުއެޅުމުގެ ގޮތުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު މެރިން ސްޕޭޝަލް ޕްލޭނެއް ޤާއިމުކޮށް، ޤުދުރަތީ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށްޓަކައި ކުރާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޓްރާންސްފޮރމޭޓިވް އެކްޝަން ފޮރ ނޭޗަރ އެންޑް ޕީޕަލްގެ މަތީ ފަންތީގެ މި ޙަރަކާތަކީ މޫދަށް އަޅާ ކުނި މަދުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާނެގޮތާއި، ދުނިޔޭގެ ދިރުންތައް އާލާކޮށް ދެމެހެއްޓުމުގައި ބޭނުންކުރެވިދާނެ އުޞޫލުތަކާއި ގޮތްތައް ހޯދައި ބެލުމަށް ޤައުމުތަކުގެ ވެރިންނާއި މި ދާއިރާގައި ޝާމިލުވާ އެކިއެކި ފަރާތްތަކުން ބާއްވާ ޙަރަކާތެކެވެ.

ރާއްޖޭގެ ތިން އަތޮޅެއް މިހާރުވެސް ޔުނެސްކޯ ބަޔޮސްފިއަރ ރިޒަރވްގެ ގޮތުގައި ކަނޑައަޅާފައި ވެއެވެ. އަދި، ކޮންމެ އަތޮޅަކުން އެއް ރަށާއި، އެއް ފަރާއި، އެއް ގިރި ޙިމާޔަތްކުރުމަށް ރާއްޖެއިން ވަނީ މަސައްކަތް ފަށާފަ އެވެ.

ރާއްޖެއަކީ މެރިން ޕްލާސްޓިކް ޕޮލިއުޝަންއާ ދެކޮޅަށް މަސައްކަތްކުރުމަށް އ.ދ. އާއެކު އުފެއްދި ގްލޯބަލް އޯޝަން އެލަޔަންސްގެ ކޯފައުންޑަރ އަދި ކޯ-ޗެއަރ ވެސް މެއެވެ. އަދި މި މަޤްޞަދުގެ ދަށުން ކުރިޔަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ކަނޑުތަކުގެ 30 އިންސައްތަ ޙިމާޔަތްކުރުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް