އީއެފްއެލް: ވެސްޓް ހަމް އަތުން ބަލިވެ ޔުނައިޓެޑު މުބާރާތުން ކަޓައިފި

އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބޯ ކަޕްގެ ތިންވަނަ ބުރުގައި ރޭ ވެސްޓް ހަމްއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ. އަމިއްލަ ދަނޑުގައި ވެސްޓް ހަމްއާއި ދެކޮޅަށް ކ...

23 Sep 2021 | 01:54

އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބޯ ކަޕްގެ ތިންވަނަ ބުރުގައި ރޭ ވެސްޓް ހަމްއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ.

އަމިއްލަ ދަނޑުގައި ވެސްޓް ހަމްއާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑު ރޭ ބަލިވީ 0-1 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގައި އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. ފެށޭ ހަފްތާގައި ވަރުގަދަ މެޗުތަކެއް އޮތުމާއި އެކު ރޮނާލްޑޯއަށް ވަނީ ރެސްޓް ދީފައެވެ.

ރޭގެ މެޗު ފެށިގެން މެޗުގެ ނުވަ ވަނަ މިނެޓުގައި ވެސްޓް ހަމްއިން ލަނޑު ޖަހާ މެޗުގެ ލީޑު ނެގިއެވެ. ވެސްޓް ހަމްއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ވެސްޓް ހަމްގެ އާޖެންޓީނާ އެޓޭކިންގް މިޑްފީލްޑަރ މެނުއެލް ލަންޒީނީއެވެ.

ވެސްޓް ހަމްއިން މެޗުގައި ލަނޑު ޖަހާ ލީޑު ނެގި ނަމަވެސް މުޅި މެޗުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. އެގޮތުން ނަތީޖާ ބަދަލުކޮށްލަން ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް މި ފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ވަނީ ނުވެފައެވެ. މުޅި މެޗުގައި ޔުއިޓެޑުން ވެސްޓް ހަމްގެ ގޯލާ އަމާޒު ކޮށް ޖުމްލަ 29 ހަމަލާއެއް ފޮނުވާލާފައި ވާއިރު، ޔުނައިޓެޑުގެ ގޯލާއި އަމާޒު ކޮށް ވެސްޓް ހަމްއަށް ފޮނުވާލެވިފައިވަނީ އެންމެ ނުވަ ހަމަލާއެވެ. ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ތިން ހަމަލާއެވެ.

ރޭގެ މެޗުނުން ވެސްޓް ހަމް މޮޅުވުމާއި އެކު އެޓީމު ވަނީ މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރު ކޮށްފައެވެ. ރޭގެ ބައްޔާއި އެކު ޔުނައިޓެޑުން ވަނީ މި މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް