އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ދިމާއަށް ބުނެލި ބަހަކުން ގިނަ ބަޔަކު ކޮސް ކޮށްލައި، ސޯޝަލް މީޑިއާ ކައްކުވާލައިފި އެވެ.
އދ ގައި ދެއްވި ތަގްރީރުގައި އުތުރު ކޮރެއާއަށް އިންޒާރު ދެއްވާ ޓްރަމްޕް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ކިމް ވިދާޅުވެފައިވަނީ ޓްރަމްޕަކީ "ޑޮޓާޑް" އެއް ކަމަށެވެ.
ކިމް މިހެން ވިދާޅުވުމާއެކު ގިނަ ބަޔަކު ވަނީ އެ ބަހުގެ މާނަ ހޯދަން ޓްވިޓާ ތެރޭގައި އެ ބަސް ދައުރުކޮށްފަ އެވެ. ބަހުގެ މާނަ ޓްވީޓް ކުރަމުން މެރިއަމް ވެބްސްޓަރ ޑިކްސަނަރީން ބުނެފައިވަނީ "ޑޮޓާޑް" ގެ މާނައަކީ "ޑޮޓް އޭޖް" އަށް ގޮސްފައިވާ މީހާ ކަމަށެވެ. މުސްކުޅިވެ ގައިބާރު ދަށްވެފައިވާ މީހާ ކަމަށެވެ.
މެރިއަން ވެބްސްޓަރގެ މި ޓްވީޓް ހަތް ހާހަށްވުރެ ގިނަ މީހުން ރީޓްވީޓް ކޮށްފައި ވެ އެވެ. 13 ހާހަށްވުރެ ގިނަ މީހުން ލައިކް ކޮށްފައިވެ އެވެ. އެ ޓްވީޓް ވަނީ އިއްޔެ އެންމެ ޓްރެންޑްވި ޓްވީޓަށް ވެފަ އެވެ.
މިއާއެކު "ޑޮޓާޑް" މި ނަމުގައި ހޭޝްޓެގްތައް ދައުރުވާން ފަށާފައި ވެ އެވެ. އަދި ބައެއް މީހުން "ޑޮޓާޑް ޓްރަމްޕް" މި ހޭޝްޓެގްވެސް ބޭނުން ކޮށްފައި ވެ އެވެ. އިއްޔެ މި ބަސް ގޫގަލްގައި ސާޗް ކޮށްފައިވާ އަދަދުވެސް އިންތިހާއަށް އިތުރުވެފައިވާކަމަށް ވެ އެވެ.
ކޮންމެއަކަސް ކިމްގެ މި ބަސް ވައިގާ ހިފާފައިވާއިރު މިއީ 18 ވަނަ ގަރުނުގައި ބޭނުންކުރި ނަމަވެސް މިހާރު ބޭނުން ނުކުރާ ބަހެއް ކަމަށް ބަހުގެ މާހިރުން ބުނެ އެވެ. މިއާއެކު ޓްވިޓާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެމެރިކާ މީހުންނަށްވުރެ ކިމް އިނގިރޭސިއަށް މޮޅު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް